ބައިނަލްއަގްވާމީ ޖައްވީ އިދާރާ، ނާސާ އިން ދެން އިންސާނުން ޖައްވަށް ފޮނުވާ އުޅަނދެއްގެ ގޮތުގައި ސްޕޭސް އެކްސް ހަމަޖައްސައިފި އެވެ. މިއީ 1972 ވަނަ އަހަރުގެ ފަހުން އިންސާނުން ހަނދަށް ފޮނުވާ ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރެޖެކްޓެއްގެ ދަށުން އެލަން މަސްކް ކުންފުނިން އުފެއްދި މި ޖައްވީ އުޅަނދުގެ ނަމޫނާ ފްލައިޓްތައް މިހާރު ދަނީ އެމެރިކާގެ ޓެކްސަސްގައި ހުންނަ ނާސާގެ އިދާރާގައި ޓެސްޓު ކުރަމުންނެވެ. މިއީ ކްރޫ އާއި ކާގޯ އެއްފަހަރާ އުފުލޭ ގޮތަށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ.

މި ތާރީޚީ ދަތުރުގައި ބޭނުން ކުރުމަށް ސްޕޭސް އެކްސް ހަމަޖެއްސީ ޖެފް ބޭޒޯގެ ބްލޫ އޮރިޖިން އާ އަޅާކިއުމަށް ފަހުގަ އެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ނާސާ އިން ވަނީ ގިނަ ކުންފުނިތަކެއް ޚިޔާރުކުރުމުގެ ބަދަލުގައި ކުރިއަށް އޮތް ޖައްވީ ދަތުރުގައި ބޭނުން ކުރާ އުޅަނދުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް އެންމެ ކުންފުންޏެއް ހަމަޖައްސާފަ އެވެ.

ޖައްވީ ސިނާއަތް ދިރާސާ ކުރާ މާހިރުން ބުނާ ގޮތުގައި މި ނިންމުމަކީ 2002 ވަނަ އަހަރު މާސްގައި މީހުން އާބާދުކުރުމުގެ މަގްސަދުގައި އުފެދުނު މަސްކް ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.

ފާއިތުވެދިޔަ އަހަރު ސްޕޭސް އެކްސްއިން ވަނީ ކާމިޔާބު ކަމާއެކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އެސްޓްރޮނޯޓުންގެ ޓީމެއް ފޮނުވާފަ އެވެ. މިއީ އަމިއްލަ ކުންފުންޏަކުން ކާމިޔާބުކަމާއެކު މިފަދަ އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

ނާސާ އިން 2024 ވަނަ އަހަރު އިންސާނުން ހަނދަށް ފޮނުވަން މަސައްކަތް ކުރާއިރު އެ ދަތުރުގައި ޖުމްލަ ހަތަރު އެސްޓްރޮނޯޓުން ބައިވެރިވާނެ އެވެ. 50 އަހަރު ފަހުން ހަނދަށް ކުރާ މި ދަތުުރަކީ ތާރީޚީ ދަތުރަކަށްވާނެ އެވެ.