އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން ބޭނުންކުރީ ގަވާއިދުތަކުން ހުއްދަ ބާރުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

"ލޫޓުވައިފި،ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ރޭ ބޭއްވި ބޮޑު އެއްވުމުގައި ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ބުނެފައި ވަނީ އެއީ ފުލުހުން ބޭނުންކުރަން ގާނޫނީގޮތުން ހުއްދަ އެއްޗެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.

"... އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ފުލުހުން ބުނީ އެގޮތަށް އަމަލުކުރީ ހުއްދަދީފައިވާ ރޫޓުން ނުދިޔުމުން ކަމަށެވެ.

"... ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލައިލުމާއި ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުން ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އޭގެތެރޭގައި އައްޑޫ ސިޓީ ހިތަދޫ ކައުންސިލަރު ހުސައިން ޒަރީރު ވެސް ހިމެނެ އެވެ.