އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ޕެޕާސްޕްރޭ ޖެހިގޮތާ މެދު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ފުލުހުންގެ ދިފާއުގައި އައިޖީއެމްއެޗް އިން ބަޔާނެއް ނެރެފި އެވެ.
މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށް ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
މިކަމާ ގުޅޭގޮތުން ރަސްލާންގެ ނަން ނުގެނެސް އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވަނީ ބަލިމީހާއަށް ފަރުވާ ދީ، ހާލު ރަނގަޅުވެ މިހާރު ސީސީޔޫގައި ވަނީ އެޑްމިޓްކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ގޮތެއްގައި މީހަކަށް އެފަދަ ކަމެއް ދިމާވަނީ "ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން" ކަމަށެވެ.
"ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުދަނގޫކޮށް، ކެއްސާ އަދި މިފަދަ 'ސްޓްރެސް ރެސްޕޮންސް'ތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫނެވެ،" އައިޖީއެމްއެޗުން ނެރުނު ބަޔާނުގައިވެ އެވެ.
"ތަފާތު ގޮތް ގޮތުން އުފުލާ ބުރައިގެ ސަބަބުން އިސްވެ ބަޔާންކުރެވުނު ފަދަ ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ."
އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެ މީހަކަށް ހާލަތަށް ބަލައި އެ ވަގުތު ދޭން ޖެހޭ ފަރުވާ އެންމެ ފުރިހަމައަށް އަބަދު ވެސް ދޭނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެ އެވެ.
މިއީ ސިޔާސީ ކަމެއްގައި ސަރުކާރު ދިފާއުކުރަން ރާއްޖޭގެ ތާރީޚުގައި ވެސް އައިޖީއެމްއެޗުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.
މިއީ މިގޮތަށް ސިޔާސީ ކަމެއްގައި ބަލިމީހަކާ ގުޅުވައި އައިޖީއެމްއެޗުން މިގޮތަށް ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ރަސްލާންގެ ހާލަތު ގޯސްވީ ރޭ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުން ކަމަށެވެ.