މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ އަލްބަމްގައި އޭނާގެ ކުރީގެ ރަހުމަތްތެރިޔާ ބްލޭކް ލައިވްލީއާ ބެހޭގޮތުން ލަވައެއް ހިމަނާފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

"ދަ ލައިފް އޮފް އަ ޝޯގާލް"ގެ ނަމުގައި ނެރުނު އެ އަލްބަމުގައި ހިމެނޭ ލަވައެއް ކަމަށްވާ "ކެންސަލްޑް"އަކީ ބްލޭކްއަށް ހާއްސަކޮށް ހަދާފައިވާ ލަވައެއް ކަމަށް ބެލެވެނީ އޭގެ ޅެމުގެ ސަބަބުންނެވެ.

އެ ލަވައިގައި ކިޔައިދެނީ ބޮޑު ހާޖާނު ގަނޑެއްގެ ތެރެއިން "ކެންސަލް" ކުރެވުނު ނުވަތަ ގުޅުން ކަނޑާލެވުނު ރަހުމަތްތެރިއެއްގެ ވާހަކަ އެވެ.

އެހެން ކަމުން އެ ލަވައިގައި އެ އިޝާރާތް ކުރަނީ ބްލޭކްއާއި އޭނާގެ ކޯ އެކްޓަރު ޖަސްޓިން ބެލްޑޯނީގެ ގާނޫނީ ކޯޅުމަށް ކަމަށާއި އޭގެ ސަބަބުން ބްލޭކްއާއި ޓޭލާގެ އެކުވެރި ކަމަށް ކުރި އަސަރުގެ ވާހަކަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެކަން ޓޭލާއާއި އޭނާގެ ޓީމުން ފާޅުގައި ޔަގީން ކޮށް ނުދިން ނަމަވެސް ޅެމުގައި ބުނާ ބަސްތައް ނުސީދާ ގޮތެއްގައި އަމާޒުވަނީ ބްލޭކްއަށްކަން ފާހަގަކުރެވެ އެވެ.

ބްލޭކްއާއި ޖަސްޓިންގެ ކޯޯޓު ހަނގުރާމައިގެ ކުރިން ބްލޭކްއާއި ޓޭލާގެ އެކުވެރިކަމަކީ މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ. އެހެން ނަމަވެސް މިހާރު އެ ދެތަރިން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށް ހަބަރުތައް ބުނެ އެވެ.