ބޮލީވުޑްގެ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރުއާއި ދީޕިކާ ޕަދުކޯން އެކުގައި ފެނުމުން ގިނަ ބަޔަކަށް ބޮޑު ހައިރާން ކަމެއް ލިބިއްޖެ އެވެ.
ރަންބީރާއި ދީޕިކާ އެކުގައި ފެނިފައިވަނީ އެ ދެމީހުން ވެސް ދިއްލީއަށް ކުރި ދަތުރުގެ ތެރެއިން މުމްބާއީ އެއާޕޯޓުގެ ތެރެއިންނެވެ. އެގޮތުން ދިއްލީއަށް ދިޔައިރުއާއި ދިއްލީއިން މުމްބާއީއަށް އައިއިރު ވެސް އެ ދެމީހުން އެކުގައި ފެނިފައިވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ރަންބީރު ދިއްލީއަށް ދިޔައީ އޭނާގެ ބްރޭންޑް އާކްސްގެ ފިހާރައެއް ހުޅުވުމަށެވެ. ދީޕިކާ ދިއްލީއަށް ދިޔަ ސަބަބު މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
އެ ދެތަރިން އެކުގައި މުމްބާއީއަށް އައުމަށްފަހު އެއާޕޯޓުން ނައްޓާލުމުގެ ކުރިން އެކަކު އަނެކަކުގެ ގައިގައި ބައްދާލި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ މީޑިއާއަށް އާއްމުވެފަ އެވެ.
"ބަޗްނާ އޭ ހަސީނޯ"ގެ ސެޓުން ރައްޓެހިވެ 2010 ވަނަ އަހަރު ވަކިވުމުގެ ކުރިން ރަންބީރުއާއި ދީޕިކާ ދެ އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ވަކިވުމަށްފަހު ވެސް އެ ދެތަރިން އެކުގައި ފިލްމުތަކުން ފެނުނުއިރު އެ ޖޯޑަށް ބެލުންތެރިންގެ ލޯބި ވެސް ލިބުނެވެ.
2019 ވަނަ އަހަރު ދީޕިކާ ރަންވީރު ސިންހްއާ ކައިވެނިކޮށް 2024 ވަނަ އަހަރު އެމީހުންނަށް އަލަތު ދަރިފުޅު ލިބިފައިވެ އެވެ. ރަންބީރު 2022 ވަނަ އަހަރު އާލިއާ ބަޓްއާ ކައިވެނި ކުރިއިރު ހަމަ އެ އަހަރު އެމީހުންނަށް އެމީހުންގެ ދަރިފުޅު ރަހާ ލިބުނެވެ.