ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށާއި މި އުސޫލުން، އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ވެސް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޓެކްސް ޓްރައިބިއުނަލަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުއްވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ދުނިޔެ ހިނގަމުންދާ އިރު އެކި ދުވަހު އެކި ގޮތަށް ކަން ހިނގުމަކީ ދުނިޔަވީ ގާނޫނު ކަން ހަނދާން ކޮށްދެެއްވާ ކަމަށެވެ.

"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ. އެއް ދުވަހު އެ ލީޑަރަކާ ނުލައި ދުނިޔޭގައި އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީގައި ދުނިޔޭގައި ނޫޅެވޭ ހިސާބަށް ވެސް ހިނގައިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މަހާޒު އައްޔަން ކުރައްވާތީ މީކާއިލް ވިދާޅުވީ އިތުބާރު ނެތިގެން މަޖިލީހުން ވަކިކުރި ފަނޑިޔާރަކު ޓެކްސް އެޕީލް ޓްރައިބިއުނަލް އައްޔަން ކުރަން މި ސަރުކާރުން ލިސްޓުގެ ކުރީގައި ހިމަނުއްވައި ފޮނުއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

ރީއެމްޕްލޯއިމަންޓް ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ޕީއެންސީން އެކަމަށް ތާއީދުކޮށްގެން ކަމަށެވެ.

"ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި އެންމެ އިސްކަންދެއްވާފައިވާ، އިއްޒަތްތެރި ރައީސް އެންމެ އިސްކަން ދެއްވާފައިވާ ނަމަކީ އެއްކަލަ [ފަނޑިޔާރުކަމުން ވަކިކުރި] ޕީއެންސީ މެންބަރުންނަށް ދާދި ފަހުން، ކޮރަޕްޓްވި، ނަޒާހަތްތެރިކަމެއް ނެތް، އެއްވެސް ކަހަލަ އޮއްޓަރެއް ނެތް އެފަދަ ފަނޑިޔާރެއްގެ ނަން،" މީކާއީލް ވިދާޅުވި އެވެ.