ބ. ކިހާދު އާއި ހއ. ތަކަންދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހިއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ކިހާދޫ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކިހާދު ކައުންސިލްގެ މެމްބަރު ކަމުގެ ވޯޓުގައި ދެ މީހަކަށް ވަނީ އެއް ވަރަކަށް ވޯޓު ލިބިފަ އެވެ.
ކައުންސިލް މެމްބަރު ކަމަށް އިންތިޚާބު ކުރަންޖެހެނީ ދެ މީހުންނެވެ. 154 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރަޝީދު ވަނީ ކައުންސިލް މެމްބަރު ކަމަށް އިންތިޚާބުވެފަ އެވެ. ބާކީ ތިބި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ވޯޓު ދެ މީހަކަށް ލިބުނީ އެއްވަރަކަށެވެ. އެގޮތުން އަމިއްލަގޮތުން ވާދަކުރި މުހައްމަދު ޝަރީފް އާއި މުހައްމަދު ގާސިމަށް ވެސް ލިބިފައި ވަނީ 102 ވޯޓެވެ. ބާކީ ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަޔާޒަށް 92 ވޯޓު ލިބުނުއިރު، ނަޒްމީ އާދަމަށް 76 ވޯޓު ވަނީ ލިބިފަ އެވެ.
އެހެންކަމުން 102 ވޯޓު ލިބުނު ދެ މީހުންގެ މެދުގައި ބައި އިލެކްޝަން ބާއްވަންޖެހޭނެ އެވެ.
ކިހާދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝާފިއު އެވެ. ކިހާދު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް އިންތިޚާބުވީ އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓުން ކަމަށްވާ ފާތިމަތު ރިޒުލާ އާއި އާއިޝަތު ފަރީޝާ އެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ތަކަންދޫ ކައުންސިލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓަކައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.
ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ކޮނޑިއަށް 299 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް ޒާހިޔާ އަލީ ވަނީ އިންތިޚާބުވެފަ އެވެ. ދެން ވާދަކުރި އާމިނަތު ޒީނާ އާއި އާއިޝަތު އާސިފާ އަށް ވެސް ލިބުނީ 285 ވޯޓެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓުންނެވެ. އެހެންކަމުން އެ ދެ މީހުންގެ މެދުގައި ބައި އިލެކްޝަނެއް ބާއްވަން ވަނީ ޖެހިފަ އެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ނައީމެވެ. އަދި ކައުންސިލް މެމްބަރު ކަމަށް އިންތިޚާބުވެފައި ވަނީ އަމިއްލަގޮތުން ވާދަކުރި އަހްމަދު އާރިފާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި އަހްމަދު އަލީ އެވެ.