އީރާނުގެ ނަޓަންޒް ނިއުކްލިއާ ބޭސް އަށް ދިން ހަމަލާގެ ފަހަތުގައި ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު އެބަހުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

ސަރުކާރު ޓީވީން ބުނި ގޮތުގައި ރެޒާ ކަރީމީ ނަމަކަށް ކިޔާ މި މީހާ އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ހޯދާފައިވާއިރު އޭނާ ވަނީ ހަމަލާގެ ކުރިން އީރާން ދޫކޮށް ފުރައިފަ އެވެ.

އެ ޓީވީ އިން ވަނީ ރިޒާގެ ފޮޓޯއާއެކު "އިންޓަޕޯލް ވޯންޓެޑް" ލިޔެފައި އޮތް ރަތް ކާޑެއްގެ ފޮޓޯ އާއްމު ކޮށްފަ އެވެ. މިކާޑުގައިވާ ގޮތުން އޭނާގެ އުމުރަކީ 43 އަހަރެވެ. އޭނާ ހައްޔަރު ކުރުމަށް ކުރަން ޖެހޭ ކަންތައް ކުރަމުން ދާކަމަށް އީރާނުގެ ސަރުކާރުން ބުނެ އެވެ.

ފާއިތުވެ ދިޔަ އާދީއްތަ ދުވަހު އީރާނުގެ ނަޓަންޒް ނިއުކްލިއާ ސައިޓަށް ދިން ހަމަލާގައި ގިނަ ގެއްލުންތަކެއް ލިބިފައިވާ އިރު އީރާނުން ވަނީ މި ހަމަލާގެ ތުހުމަތު އިޒްރޭލަށް އަމާޒު ކޮށްފަ އެވެ. އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ މިއީ އިޒްރޭލުން ކުރި ހަނގުރައިގެ އަމަލެއް ކަމަށެވެ.

މި ތުހުމަތުތަކަށް އިޒްރޭލުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. -- ރޮއިޓާސް