ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެހެންކަމުން، ދުޅަހެޔޮކަމުގެ ކޮންމެވެސް އެއް އަސާސެއްގެ މައްޗަށް ބިނާކޮށް މިދުވަސް ފާހަގަކުރެ އެވެ. މިގޮތުން، މިއަހަރުގެ ޝިއާރަކީ "އެކްސެސް ޓު ސާވިސަސް – މެންޓަލް ހެލްތް އިން ޑިޒާސްޓާސް އެންޑް އިމަޖެންސީސް" އެވެ. މި ޝިއާރަކީ ގުދުރަތީ ކާރިސާތަކާއި، ހަމަނުޖެހުންތަކާއި، ޕެންޑެމިކް ފަދަ އިމަޖެންސީ ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބިގަތުމުގެ މުހިންމުކަން އަންގައިދޭ ޝިއާރެކެ އެވެ.

ޝައްކެއް ވެސް ނެތެވެ. މިފަދަ ހާދިސާތަކާއި ކާރިސާތަކުގެ ސަބަބުން ގިނަ ބަޔަކަށް ނަފުސާނީ އަސަރުތައް ކުރިމަތިކުރުވަ އެވެ. ހަމައެއާއެކު، ހާލަތު ނިޔާކުރާގޮތަކުން މި އަސަރުތައް ގިނަ ދުވަސްތަކަކަށް ދެމިގެންދެ އެވެ. މިހެން ދިމާވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ލިބެންވާ ކައުންސެލިން ނުވަތަ ތެރަޕީ ޚިދުމަތް ލިބުން ދަތިވުމާއި އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން ހިމެނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ފާހަގަކުރުމުގެ ސަބަބުން، ނަފްސާނީ ދުޅަހެޔޮކަމާގުޅޭ މަޝްވަރާތައް ކުރެވި، ހޭލުންތެރިކަން އިތުރުވެ، މިކަމާބެހޭ ތަޖުރިބާތައް ޙިއްސާކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް ހިތްވަރު ލިބިގެންދެ އެވެ. ކުރިއާ އަޅާބަލާއިރު، ރާއްޖޭގައި ވެސް ނަފްސާނީ ދުޅަހެޔޮކަމާއި އެކަމާ ގުޅުންހުރި އެކިއެކި މަސައްކަތްތަކަށް ދެވޭ އަހައްމިއްޔަތު އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. މިގޮތުން، އެކިއެކި ކޮމްޕްލިމެންޓަރީ ތެރަޕީތައް ރާއްޖޭގައި ވެސް ތައާރަފުވެފައިވާކަމީ އެކަމުގެ ހެއްކެކެވެ. ހިޕްނޮތެރަޕީ ނުވަތަ ހިޕްނޮސިސްއަކީ ވެސް ނަފްސާނީ ދުޅަހެޔޮކަމުގެ އެކިއެކި ފަރުވާ ދިނުމުގައި އެހީތެރިވެދޭ ތެރަޕީއެކެވެ.

ހިޕްނޮތެރަޕީ އަކީ ކޮބާ؟

ހިޕްނޮތެރަޕީގައި ނަފްސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭ ތެރަޕީއެކެވެ. މިތެރަޕީގައި އިރުޝާދުތަކަށް ހުޅުވާލެވިފައި ހުންނަ ޓްރާންސްގެ ނަމުން ނަންދީފައިވާ ފޯކަސް އާއި ކޮންސެންޓްރޭޝަންގެ ހާލަތަށް މަގުދައްކައިދީ އެހީތެރިކަން އެދޭފަރާތާ ގުޅިގެން ފަރުވާ ކުރިއަށް ގެންދެވެ އެވެ.

ބައެއް މީހުން ދެކޭގޮތުގައި، ހިޕްނޮތެރަޕީއަކީ މުނިފޫހިފިލުވުގެ ގޮތުން ސްޓޭޖްތަކުގައި ބޭނުންކުރާ ޖާދުވީ އުކުޅެކެވެ. އަނެއްބައި މީހުން ދެކޭ ގޮތުގައި އަހަރެމެންގެ ނަފްސުގެ ކޮންޓްރޯލްކުރުމުގެ ބާރު ހިޕްނޮތެރަޕިސްޓުންނަށް އޮވެ އެވެ. އެއާ ޚިލާފަށް، ހިޕްނޮސިސްއަކީ ތަމްރީން ލިބިފައިވާ ހިޕްނޮތެރަޕިސްޓެއްގެ އެހީތެރިކަމާއެކީ ގައިޑެއްގެ ގޮތުގައި މަގުދައްކައިދީ، ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އިމޭޖަރީ އާއި ވިޝުއަލައިޒޭޝަން ފަދަ ޓެކްނިކްތައް ބޭނުންކޮށްގެން ބިހޭވިއާ ޕެޓާންތައް ހަރުދަނާ ގޮތެއްގައި ދެނެގަތުމުގައި އެހީތެރިވެދޭ ތެރަޕީއެކެވެ.

ހިޕްނޮތެރަޕީއާ ގުޅޭ ހޯދުންތައް:

ޖާނަލް އޮފް ކްލިނިކަލް ސައިކޮލޮކޮޖީގައި ޝާއިއުކޮށްފައިވާ އިލްމީ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިޕްނޮތެރަޕީގެ ސަބަބުން ޑިޕްރެޝަނާއި އެންޒައިޓީގެ އަލާމާތްތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެ އެވެ. މިގޮތުން، ރިލެކްސޭޝަން އާއި ސްޓްރެސް އާއި އެންޒައިޓީ ތަހައްމަލުކުރާނެ ގޮތްތަކެއް ދަސްކޮށްދެ އެވެ. އަދި، ހިޕްނޮތެރަޕީގެ އެހީގައި އެކި ކަހަލަ ފޯބިއާތަކަށް ހައްލު ހޯދައިދިނުމާއި ސްމޯކް ސެސޭޝަން އާއި ބަރުދަން މެނޭޖްކުރުމަށާއި ތަދު މެނޭޖްކުރުމާއި ނިދުމުގެ މައްސަލަތަކަށް ވެސް އެހީތެރިވެދެ އެވެ. ހަމައެއާއެކު، ހަޖަމްގެ ނިޒާމަށް ދިމާވާ މައްސަލަކަށް ފަރުވާ ދިނުމުގައި ހިޕްނޮތެރަޕީއަކީ ކާމިޔާބުކަމާއެކު ބޭނުންކުރެވޭ ތެރަޕީއެއްކަން އެކިއެކި އިލްމީ ހޯދުންތަކުން ދައްކަ އެވެ. ދާދިފަހުން ޝާއިއުކޮށްފައިވާ ޓްރަޔަލްތަކުގައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ހަޖަމުކުރާ ނިޒާމުގެ މައްސަލަތަކަށް ބިނާކޮށްދެވޭ ހިޕްނޮސިސްގެ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީއިން އެދެވޭ ނަތީޖާތަކެއް ލިއްބައިދޭކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ވަޒީފާގެ މާޙައުލުގައި އިލްމީ އަދި ފަންނީ ގާބިލްކަމާއި ހުނަރުތައް ދެމެހެއްޓުމަށްޓަކައި ހިޕްނޮތެރަޕީ ބޭނުންކުރެވެ އެވެ. ހަމަ އެހެންމެ، ސެލްފް ކޮންފިޑެންސް އާއި ޕްރޮކްރާސްޓިނޭޝަން އަދި ސްޓްރެސް އާއި އެންޒައިޓީ ފަދަ ކަންކަމުން އަރައިގަތުމަށް އެހީތެރިވެދެ އެވެ.

މިލިޔުމުގައި ދެން މިހިމަނާލަނީ ސްޓްރެސް މެނޭޖްކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. މިއީ "ޑައިފްރަމިކް ބްރީތިން" އެކްސަސައިޒް އެވެ.

ބްރީތިން ހަދާނެ ގޮތް:

  1. ތަނެއްގައި ހަމަޖެހިލައިގެން އިށީދެލާ ނުވަތަ އޮށޯވެލާށެވެ.
  2. ފުރަތަމަ، 4 އަށް ލަސްލަހުން ގުނަމުން ނޭފަތުން (އަނގަ ނުހުޅުވާ) އެތެރެއަށް ނޭވާލަމުން ދާށެވެ.
  3. ދެން 4 އަށް ގުނަމުން ނޭވާ ހިފަހައްޓާލާށެވެ.
  4. އެއަށްފަހު، 4 އާއި ހަމައަށް ގުނަމުން ބޭރަށް ނޭވާލާށެވެ.
  5. މިގޮތަށް 8 ފަހަރު ތަކުރާރުކުރާށެވެ.

މިގޮތަށް ނޭވާލާއިރު، އާންމުކޮށް ނޭވާލާ ގޮތާ ޚިލާފަށް، ލަސްލަހުން އެތެރެއަށް ނޭވާލުމުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭ އޮކްސިޖަންގެ މިންވަރު ރަނގަޅުވެ، ބޭރަށް ނޭވާލާއިރު ކާބަން ޑައިއޮކްސައިޑް ނަމަކަށް ކިޔާ މާއްދާ ހަށިގަނޑުން ބޭރުކޮށްދެ އެވެ. މިއީ އެއްވެސް އިކުއިޕްމަންޓެއް ބޭނުންކުރުމެއް ނެތި ވަރަށް ފަސޭހައިން ގޭގައި ވެސް ކުރެވިދާނެ ކަމެކެވެ. މި ކަސްރަތު ކުރުމުގެ ސަބަބުން ސްޓްރެސްވާ މިންވަރު ދަށްކޮށްދީ، ހަށިގަނޑަށް ހަމަޖެހުން ގެނުވައި ތާޒާކަން ގެނުވަ އެވެ.

މިއީ ވަކި ފަރުދެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތާ ގުޅިގެން ދީފައިވާ ލަފައެއް ނޫނެވެ. ހިޕްނޮތެރަޕީގެ ޚިދުމަތް ބޭނުންވާނަމަ، ކާމްތެރަޕީ އެމް.ވީ، https://www.instagram.com/calmtherapy.mv އަކީ ތެރަޕީގެ ޚިދުމަތް ހެޔޮއަގެއްގައި ފޯރުކޮށްދޭ ފަރާތެކެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވި އާމިނަތު ލައިލާއަކީ ސެޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެކެވެ.