ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

މިކަން ރައީސް މައުމޫން ވަނީ ޓުވިޓާ މެދުވެރިކޮށް ޔަގީންކޮށްދެއްވާފަ އެވެ. މިއީ ރާއްޖޭގެ މިހާ ހައި ޕްރޮފައިލް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެނގިފައިވާ ގޮތުގައި އެމަނިކުފާނު ވަނީ ރޯގާގެ އާލާސްކަންފުޅަކާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް މިއަދު ހޮސްޕިޓަލަށް ވަޑައިގެންނެވި އެވެ. އަދި ކޮވިޑަށް ޓެސްޓް ކުރެއްވި އެވެ.

އެ ޓެސްޓްގެ ނަތީއްޖާ މިރޭ ލިބުނުއިރު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ މަނިކުފާނަށް މިހާރު ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

އެ މަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވިކަން އާއްމުނަށް އެންގުމުގެ ގޮތުން ކުރެއްވި ޓްވީޓް ފައްޓަވާފައިވަނީ ތައުބާ ސޫރަތުގެ 51 ވަނަ އާޔަތުން ބަޔަކާއެކުގަ އެވެ. އެ އާޔަތުގެ މާނާގައިވަނީ މިފަދައިންނެވެ.

"ކަލާގެފާނު ވިދާޅުވާށޭ، ﷲ އަޅަމެންނަށް ލިޔުއްވާފައިވާ ކަމެއް މެނުއީ އަޅަމެންނަށް ނުޖެހޭނޭ،"

ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދި ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހެޔޮ ދުއާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެ އެވެ.

ރައީސް މައުމޫންގެ އުމުރުފުޅަކީ 83 އަހަރުފުޅެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާތަނަށް 7،000 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެ އެވެ. މި ބަލީގައި މިއަދު އެކަނި ވެސް 135 މީހުން ޕޮޒިޓިވްވެފައިވެ އެވެ.