ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީގެ (އެސްއެމްޔޫ) ފަހުރުވެރި ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވުން ބޭންކުން ފާހަގަކޮށްފި އެވެ.
ބޭންކުގެ ވިހި މުވައްޒަފުން ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފަ އެވެ. ގާތްގަނޑަކަށް 18 މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް ހިމަނައިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިއީ މުވައްޒަފުންނަށް ބޭންކިން ދާއިރާގެ އަމަލީ މައިދާނުގައި ލީޑާޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ބޭންކުގެ އިތުރު ވިހި މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
މި ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ އަޅުގަނޑުމެންގެ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް ކަމަށެވެ.
"އެސްއެމްޔޫއާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ބަދަލުވަމުންދާ މާރކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑާޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނަރޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑާޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އެކަޑަމީއަކީ މި ކުރިއެރުމުގެ މައިގަނޑު އިންޖީނެވެ. އެ އެކަޑަމީއިން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެ އެވެ.
މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ކުރެވޭ މި މުހިންމު މަސައްކަތް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްގެ ފަރާތުން ދެވޭ ޕްރެސްޓީޖަސް "އޭޝިއާގެ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ބީއެމްއެލްއަށް ވަނީ ލިބިފަ އެވެ.