ކ. ގުޅި ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކުމަކީ އިގްތިސޯދީގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި އެ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ ރަސްމާލެގެ ނަމުގައި ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމާ ހުރިހާ ވަޒީރުން ވެސ ދެކޮޅު ހަދަންޖެހޭ ކަމަށެވެ.

"ކ. ގުޅި ކައިރީ ރަށެއް ހިއްކުން އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭ. ރާއްޖޭގެ މާލީ ހާލަތު ވެސް ތަނެއް ނުދޭ. މާލީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. އިގްތިސާދީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. ހުރިހާ ވަޒީރުން މިކަމާ ދެކޮޅު ހައްދަވަންޖެހޭ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަސްމާލެއަކީ އިގްތިސޯދީގޮތުން ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ފުށިދިއްގަރުފަޅު ހިއްކުމަކީ "ކުރަން ހެޔޮނުވާވަރުގެ ކަމެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަން ޖެހޭ. މިއީ މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ކުރަން ހެޔޮނުވާވަރުގެ ކަމެއް. ދައުލަތުގެ މާލިއްޔާގައި ފައިސާއެއް ނެތް. އެމްޓީސީސީގައި ފައިސާއެއް ނެތް. އެޗްޑީސީގައި ފައިސާއެއް ނެތް. އެމްއޭސީއެލްގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި އެބަ އޮތް،" އަމްރު ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކާނެ ކަމަށް ކުރިން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއް ވެސް ހަރަދުނުކޮށެވެ. ނަމަވެސް އެގޮތަށް އެ ފަޅު ހިއްކޭނެ ގޮތް ނުވުމުން އެތަން ހިއްކަން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ވަނީ ޖެހިފަ އެވެ.

މާލޭގައި ވަޒީފާއަދާކުރާ މީހުން ޑިއުޓީ ނިންމާލުމަށްފަހު ކަނޑުމަގުން ރަސްމާލެއަށް ދިޔުމަކީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ކުރިއަށް އޮތް 10 އަހަރު ވެސް ރަސްމާލޭގައި މީހުންނަށް ދިރިއުޅެން ނުފެށޭނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.