ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ތުހުމަތު ކުރެވޭ އަހްމަދު މުއާޒު (ގަޓު މުއާ)އަށް ދައުލަތުން ބަދަލުނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ދައުލަތުން ބަދަލު ނަގައިދިނުމަށް ގަޓު މުއާ ދައުވާކުރީ އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ. އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.

ބަދަލު ނަގައިދިނުމަށް ގަޓު މުއާ ސިވިލް ކޯޓުގައި ދައުވާ ކުރީ އޭނާ ނުކުރާ ކުށެއްގައި ބަންދުކޮށް އަސާސެއް ނެތް ދައުވާއެއް ކުރި ކަމަށް ބުނެ އެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލާގައި މަޓު މުއާއަށް ބަދަލު ނަގައިދެވެން ނެތް ކަމަށެވެ. މި މައްސަލަ މުއާޒުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.

ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ އެ ކޯޓުގައި ބެލޭނެ ނިންމާފަ އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ނަގައިދިނުމަށް ގަޓު މުއާ ދައުވާ ކޮށްފައި ވަނީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާއި މަރުތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން ކޮމިޝަންގެ ރައީސަކަށް ހުންނެވި ފަރީޝާ އަބްދުﷲ އާއި ކޮމިޝަންގެ މެންބަރަކަށް ހުންނެވި މިސްބާހު އައްބާސް އާއި ކޮމިޝަންގެ މެންބަރަކަށް ހުންނެވި އަހުމަދު ނާޝިދުގެ މައްޗަށެވެ.

ދާދިފަހުން ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ގަޓު މުއާ ވަނީ އެ ޕާޓީއަށް ސޮއިކޮށްފަ އެވެ.