ސެންޓަ އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭ މައްސަލައިގެ ތަހުގީގެއް ހިންގެވުމަށް އޮޑިޓަ ޖެނެރަލް ލަފާދެއްވައިފި އެވެ.
އޮޑިޓަ ޖެނެރަލް މިގޮތަށް ލަފާދެއްވީ ސެންޓަ އެންޓަ ޕްރައިސަސް އިން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގެ ހާއްސަ އޮޑިޓް ރިޕޯޓުގަ އެވެ.
ސެންޓަ އެންޓަ ޕްރައިސަސްއިން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭ ކަމަށް އޮޑިޓުން ދެއްކުމާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުވާ ފަރާތްތަކާމެދު ތަހުގީގު ހިންގައި، ފިޔަވަޅު އެޅުމަށް ބަންޑާރަ ނައިބު ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް އާ ހަވާލާދީ ސަރުކާރުގެ މީޑިއާ ކުންފުނި، ޕީއެސްއެމް އިން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ލަފާދެއްވާފައިވާނެ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2006 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ސެންޓަ އެންޓަ ޕްރައިސަސްއަކީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާ ކުންފުންޏެކެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 400 މިލިއަން ރުފިޔާއަށް އަރަ އެވެ.
އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސާވިސް (ޑީއެމްއެސް) އަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ ފައިސާއާ ގުޅޭ މައްސަލަ އެވެ. އަދި 2022 ވަނަ އަހަރު ސެންޓަ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލާގައި ދައުވާކޮށްފައި ވަނީ މުދަލަށް ލިބެންޖެހޭ 1 މިލިޔަން ޑޮލަރާއި ޖޫރިމަނާއަށް 3.1 މިލިޔަން ޑޮލަރާއެކު ޖުމްލަ 5.1 މިލިޔަން ޑޮލަރު ނުވަތަ 79.4 މިލިޔަން ރުފިޔާ ހޯދުމަށެވެ.
މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން 2020 ވަނަ އަހަރު ހުކުމްކޮށްފައިވަނީ ސެންޓަ ކުންފުނިން ފޯރުކޮށްދިން ކަމަށް ބުނާ މުދަލުގެ އަގަށްވާ 2.11،500 ނުވަތަ 31 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ދައުލަތުން ދޭންޖެހޭ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ސިވިލް ކޯޓުގެ ހުކުމަށް ވަނީ ތާއީދުކޮށްފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓްގައި ބުނެފައި ވަނީ މައްސަލަ ސާބިތުކުރުމަށް ސެންޓަ ކުންފުނިން ކޯޓަށް ހުށަހެޅި އެންމެ މުހިއްމު ލިޔެކިޔުންތަކަކީ ފޯޖްކޮށްގެން އުފައްދާފައިވާ ސަައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ބައެއް ލިޔެކިޔުންތަކާއި ތަކެތި ލިބުނުކަމަށް ސަރުކާރުގެ އިދާރާގެ ފަރާތުން ސޮއިކޮށްފައިވާ ބުނާ މުވައްޒަފަކީ އެ އިދާރާގައި އެއްވެސް އިރަކު މަސައްކަތްކޮށްފައި ނުވާ މުވައްޒަފަކަށްވާއިރު، އެ މުވައްޒަފުގެ މަގާމު އެކި ލިޔުންތަކުގައި އެކި ގޮތަށް އޮތްކަން އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި އޮތްއިރު، އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވުން ހިމެނެ އެވެ. އަދި ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިއާގެ 150،000 ޑޮލަރުގެ ބެންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއް ކަމަށް އެ ބެންކުން ބުނާއިރު އޭޑީކޭ އެންޓަޕްރައިޒަސްގެ ނަމުގައި ވެސް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
މިީީގެ އިތުރުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި އޮތް އިއުލާން ނަމްބަރާއި ޕްރޮޖެކްޓް ކޯޑު އޭގެ އަސްލު ނަންބަރާއި ދިމާނުވުމާއި، ޓެންޑަ ބޯޑުގެ ސިޓިީއެއް ކަމަށް ބުނެ ހުށަހެޅި ލިޔުންތަކުގައި ޓެންޑަ ބޯޑުގެ ނަން ނުބައިކޮށް އޮތުމުގެ މައްސަލަ ވެސް އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސެންޓަ ކުންފުނިން ކޯޓަށް ހުށަހެޅި އެކުންފުނީގެ އަމިއްލަ މާލީ ބަޔާންތަކުގައި ވެސް މައްސަލާގައި ހިމެނޭ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަން ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިކުންފުންޏަކީ ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް މުދާ ފޯރުކޮށްދިނުމަށްފަހު ފައިސާ ލިބުމުން ވެސް، ފައިސާ ނުލިބޭ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއް ކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެފަދަ ހަ މައްސަލައެއް ފާހަގަވެފައިވާއިރު، މައްސަލަތަކުގައި ހިމެނޭ ފައިސާގެ 400 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގައި މަސައްކަތް ކުރި ދެ މުވައްޒަފަކު މި މައްސަލަތައް ހިނގި ދުވަސްވަރު ސެންޓަ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބިކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލާގައި އޮޑިޓަ ޖެނެރަލް ލަފާދެއްވާފައި ވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށް ނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރެއްވުމަށެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަށް ވެސް އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓްގައި ވަނީ ލަފާދެއްވާފަ އެވެ.