މާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ގއ. ދެއްވަދޫއަށް ބަދަލުކުރަން އެ ރަށުގެ ރައްޔިތުން އެދޭ ކަމަށް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެ އެވެ.
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އަސަދު ވަނީ އެ ސުވާލު ކުރައްވާފަ އެވެ.
އަސަދު ވިދާޅުވީ ދެއްވަދޫ އަކީ ރަސްކަލެއް ނިސްބަތްވާ ރަށެއް ކަމަށާއި އެ ރަސްކަލުގެ ޒިޔާރަތް ދެއްވަދޫގައި ހުންނަން ރައްޔިތުން އެދޭ ކަމަށެވެ. ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ދެއްވަދޫއަށް ބަދަލު ކުރެވޭނެ އުސޫލެއް އޮންނާނެތޯ ނުވަތަ އެފަދަ އުސޫލެއް ހެދޭނެތޯ އޭނާ ސުވާލު ކުރެއްވި އެވެ،
ޖަވާބުގައި މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ޖެހޭނީ ވިސްނާލަން ކަމަށެވެ.
"އަޅުގަނޑު ވިސްނާލަން ޖެހޭނީ ތިކަމާ އިނގޭތޯ،" އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
ދެއްވަދޫ ރަސްގެފާނު އަވަހާރަވެފައިވަނީ 1112 ވަނަ އަހަރު ޝައުބާން މަހު ހަވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ފަސްދާނު ލައްވާފައިވަނީ ހުކުރު މިސްކިތުގެ ގޯތި ތެރޭގަ އެވެ.