ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބަދަލުތަކާ އެކީ ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައި އަހަރު ދުވަހުގެ ތެރޭ ހިދުމަތް ފެށިދާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ދެއްވައިފި އެވެ.
މިނިސްޓަރު އަމީން މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ތާރީހެއް ދެއްވާފަ އެވެ. އެހެންކަމުން މިއީ މިނިސްޓަރު މި ވައުދު ތަކުރާރުކުރެއްވި ދެވަނަ ފަހަރެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އަމީން ވަނީ، މިއަހަރުގެ މާޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިނިސްޓަރު ދެއްވި ތާރީހު ފާއިތުވެ، އަހަރު ނިމެން ގާތްވިއިރު، އަދިވެސް ހެލިކޮޕްޓަރުގެ ހިދުމަތް ނުފަށަ އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަނަށް ބަލާއިރު ގިނަ ގައުމުތަކަކުން ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލާއިރު އެއާޕޯޓުތައް ގިނަވާ މައިގަނޑު ސަބަބަކީ މެޑިކަލް އިވެކުއޭޝަން ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ދަތުރުކުރެވޭނެ ވަސީލަތްތައް ނެތުން ކަމަށެވެ.
"އެގޮތުން ވިސްނިކަމުގައި ވިޔަސް ހެލިކޮޕްޓަރަކީ ވަރަށް މުހިންމު އެއްޗެއް، އަދި ސާޗް އެންޑް ރެސްކިއުއަށް ވެސް ވަރަށް މުހިންމު އެއްޗެއް، އަދި ޓޫރިޒަމް ރާއްޖޭގައި ފުޅާވަމުން ދާއިރުގައި އަޅުގަނޑުމެންގެ އެއާޕޯޓުތަކަށް 24 ގަޑިއިރު ބޯޓުތައް އައިކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ސީޕްލޭން ދުވާލު އެކަނި ބޭނުންކުރެވޭތީ ހެލިކޮޕްޓަރު އޮޕަރޭޝަންސް ރާއްޖޭގައި ފެށުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަކީ ސަލާމަތީގޮތުން ރައްކާތެރިކަމެއްތޯ ބެލުމަށްޓަކައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ޓެސްޓުތަކެއް ހެދި ކަމަށާއި، އެ ޓެސްޓުތައް ހެދިއިރު ރާއްޖޭގައި ވަކި މިންގަނޑަކަށް ފެތޭ ހެލިކޮޕްޓަރު އޮޕަރޭޓްކުރުން ރަނގަޅު ކަމަށް އެ ޓެސްޓުގެ ނަތީޖާއިން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.
މެޑިކަލް އިވެކުއޭޝަނަށް ކޮންމެ ސަރުކާރަކުން ވެސް ހރަދުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ޝައުގުވެރިވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލިއިރު އިއުލާނުކުރީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންގެ ވަކި ހިދުމަތްތަކެއް ހިލޭ ދޭ ގޮތަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފުރުސަތުގައި ގާތްގަނޑަކަށް 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި، ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ޕްރޮޕޯސަލް ހުޅުވާލުމުން ދައުލަތަށް ނަގާ ބައި ބޮޑު ކަމަށް ކުންފުނިތަކުން ފާހަގަކުރި ކަމަށެވެ.
އެހެންވެ ބަދަލުތަކާއެކީ ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އެއްވެސް ކުންފުންޏަކާ އަދި ހަވާލުކޮށްފައެއް ނެތެވެ.
"އިރާދަކުރެއްވިއްޔާ ޑިސެމްބަރުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަން ކާމިޔާބުކުރެވުނު ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި އެއް ތަނުން އަނެއް ތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހެވެ.
އޭގެ ފަހުން ހަމަ އެ މަހުގެ 21ގައި އޭރުގެ ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރްސީއެލް) އިން ވަނީ، ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ގޮތަށް ދުބާއީގެ ހެލިކޮޕްޓަރު އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝާޓޯ ޑީޑަބްލިއުސީއާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހެލިކޮޕްޓަރާއި ޑްރޯން ޖެއްސޭ ގޮތަށް 100 ހައިބްރިޑް ވާޓިޕޯޓްސް ގާއިމުކޮށް، ހެލިކޮޕްޓަރުގެ ހިދުމަތަށް ހުޅުވައިލާނެ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ އާބަން އެއާ މޮބިލިޓީން އޭރު ރިޕޯޓުކޮށްފައިވެ އެވެ.
މި ޕޯޓުތަކުގެ ތެރޭގައި، ޓަޗް ޑައުން އެންޑް ލިފްޓް އޮފް އޭރިއާތަކާއި ސަލާމަތީ ޒޯންތަކާއި ޓާމިނަލް ވެއިޓިން ހޯލްތައް ހިމެނެ އެވެ. އަދި، ކާގޯ އޮޕަރޭޝަން ހިމެނޭހެން ތަފާތު ކަންކަމަށް 500 ޑްރޯން ޕޯޓު ވެސް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ހެލިކަޕްޓަރު އޮޕަރޭޝަންތަކަށް އެ ގައުމަށް ސިފައިން ރާއްޖޭގައި ތިބުމުން، މި ސަރުކާރުން އައީ ސިފައިން ފޮނުވާލާނެ ކަމުގެ ވައުދާއެކު އެވެ. އެގޮތުން އެ ހުރިހާ ސިފައިން ފޮނުވާލައި، ހެލިކޮޕްޓަރު ދުއްވަން މަދަނީ މީހުން ގެނެސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
ގޯއްޗާއި ފްލެޓްތައް ބޭނުންކުރެވޭ ގޮތް ހަދައިދޭން ގޮވާލައިފި
ސޮނާކްޝީއާއެކު މަސައްކަތް ކުރަން ރަންބީރު ދެކޮޅުހެދި ސަބަބު!
މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު