މި އަހަރުގެ ސެޕްޓެމްބަރު މަހު، ކުޑަކުދިންނަށް ކުރާ ގޯނާގެ 41 މައްސަލަ އެއް ހުށަހެޅިފައިވާއިރު، އެ މައްސަލަތަށް ރިޕޯޓު ކުރީ ވެސް އެކުދިން އަމިއްލައަށް ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުގައި ވަނީ، ކުޑަކުދިންނާ ގުޅޭ 241 މައްސަލަ މިދިޔަ މަހު ހުށަހަޅައިގެން އެޓެންޑުވެފައިވާ ކަމަށް ބުނެފަ އެވެ.
އެ މަހުގެ ތެރޭގައި، 1،770 މައްސަލަ ގުޅައިގެން ރިޕޯޓުކޮށްފައިވާކަމަށާއި އޭގެތެރެއިން، 41 މައްސަލަ ރިޕޯޓުކުރީ ކުޑަކުދިން އަނިއްލަ އަށް ކަމަށްވާއިރު، ބޮޑު މީހަކު ގުޅައިގެން 1،370 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި، ކާކުކަން ނޭނގޭ ގޮތަށް 389 މައްސަލައެއް ވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.
ނިމުނު ސެޕްޓެމްބަރުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތެކެވެ. އެ ބާވަތުގެ 32 މައްސަލަ ހުށަހަޅާފައިވާއިރު، އޭގައި ގިނައީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތެކެވެ. އެ ބާވަތުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެއިތުރަށް، ޖިސްމާނީ އަނިޔާގެ 19 މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ކުރުމުގެ 11 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.
އެއާއެކު، ކުޑަކުއްޖަކަށް ފެންނަ ގޮތަށް އަނިޔާ ކުރުމުގެ ހަތް މައްސަލައަކާއި ގަނާ ކުރުމުގެ ހަތަރު މައްސަލައާއި ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ ވެސް މިދިޔަ މަހު ހުށަހެޅި އެވެ.
ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކަ އެވެ.
ސިނގިރޭޓް މައްސަލައަށް ފަހު ވެސް ކޮރަޕްޓް މުއައްސާތަކުގެ ދިފާއަށް