ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރުތައް ލިބޭ ގޮތަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސަށް މުސާރަ އާއި އިނާޔަތްތަކާ އެކު 59،000ރ. ގެ މުސާރައެއް ދޭން ނިންމައިފި އެވެ.
ފަހުން އުފެއްދި ހަތް މެމްބަރުންގެ މީޑިއާ ކޮމިޝަނަކީ ރައީސް މުއިއްޒަށް ހުރިހާ ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީ މެމްބަރުން ބޭނުން ކޮށްގެން ފާސްކުރި މީޑިއާ ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނެކެވެ.
ޖުމުލަ ހަތް މެމްބަރުން ތިއްބަވާ އާ މީޑިއާ ކޮމިޝަންގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރަކާއި މީޑިއާތަކުން ހޮވި ހަތަރު މެންބަރެކެވެ.
އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަމަށް މަޖިލީހުން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް ހޮވާފައި ވަނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވޯޓަށް އަހައިގެންނެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާގައި އެންމެ ފަހުން މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދު އެ މަގާމަށް އައްޔަންކުރެއްވީ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ވޯޓާއެކު އެވެ.
މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ރައީސުންގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 40،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18،000ރ. ލިބޭއިރު ފޯނު އެލަވަންސަށް ލިބޭ 1،000ރ. އާ އެކު މީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ކޮމިޝަނުގެ ނައިބު ރައީސަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 39،000ރ. އެެވެ. އަދި ލިވިން އެލަވަންސަށް 15،000ރ. ލިބޭއިރު ފޯނު އެލަވަންސާ އެކު ނައިބު ރައީސަށް 55،000ރ. ލިބިވަޑައިގަންނަވަ އެވެ.
މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ އަސާސީ މުސާރައަކީ 33،000ރ. އެވެ. މެމްބަރުންގެ ލިވިން އެލަވަންސަކީ 14،000ރ. އެވެ. އަދި ފޯނު އެލަވަންސާ އެކު ކޮމިޝަނުގެ މެމްބަރުންގެ މުސާރައަކީ 48،000ރ. އެވެ.
މީޑިއާ ކޮމިޝަން އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މެމްބަރު ކަމަށް ކުރިމަތިލިއިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް
ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި
ގަދަ އަލީގައި ނިދުމަކީ ހިތުގެ ސިއްހަތަށް ނުރައްކާވާ ކަމެއް!