ޖެނުއަރީ 1، 2007، ގައި ނުވަތަ އެއަށް ވުރެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާކުރާ ގާނޫނަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށަން ނިންމައިފި އެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ތައާރަފު މި ކުރަަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ ކަމަށް ބުނާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ޖެނުއަރީ 1، 2007، އިން ފެށިގެން އޭގެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް ގާނޫނުގެ ދަށުން މަނާ ވާނެ އެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ދުންފަތް ގަންނަނީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ދުންފަތް ވިއްކާ ފަރާތެއްގެ ޒިންމާއެކެވެ. ދުންފަތް ބޭނުން ނުކުރެވޭނެ އުުމުރުގެ މީހެއް ކަމަށް ސައްކު ކުރެވޭ ނަމަ އެމީހެއްގެ އައިޑީކާޑު ދައްކަން ވިއްކާ ފަރާތަށް އެންގިދާނެ އެވެ.
ގާނޫނުގެ ދަށުން، 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުމުގެ މުއާމަލާތެއްްގައި ހަރަކާތްތެރި ނުވެވޭނެ އެވެ. އަދި ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތް ވިއްކޭނީ، އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްގެންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ސަރުކާރުން ދުންފަތުގެ ޓެކްސް ބޮޑުކޮށް، ވޭޕް މަނާކޮށްފައިވާއިރު، ފަހަކަށް އައިސް ވަގު ސިނގިރޭޓު އެތެރެ ކޮށް ވިއްކާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
ޗައިނާގެ ބޮޑު ފާރުން ނިންމާލި ލޯބީގެ ގުޅުން!
ރައީސް މުއިއްޒުގެ ދަތުރުފުޅުތަކާ ގުޅިގެން ސޯލިހުގެ ފާޑުވިދާޅުވުން