ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ސަތާރަ އަހަރުގެ އިޓަލީ ޓޫރިސްޓަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓުން ދޫކޮށްލާފައި ވަނީ ޏ. ފުވައްމުލަކު، ރަންދޯދިގެ، މުހައްމަދު ހަންނާދު އެވެ.

މިދޔަ މާޗު މަހު 19 ވަނަ ދުވަހު ޖިންސީގޯނާގެ އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަހުގެ 22 ވަނަ ދުވަހު ހަންނާދު ވަނީ ހައްޔަރުކޮށްފަ އެވެ.

އެއަށްފަހު ފުލުހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން، ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް އެދިފަ އެވެ. ހަންނާދު ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖުތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ، އޭނާގެ ފަރާތުން އެފަދަ ކަމެއް ތަކުރާރު ވެ މައްސަލައިގެ ހެކިބަސްދޭ ހެކީންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުން އެދުނު ގޮތަށް ހަންނާދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަގެ ޝަރީއަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ރިމާންޑް ޖަލެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް މާޗު 23 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.

މާޗު 23 ވަނަ ދުވަހު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ބުނެ، ހަންނާދު ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހަންނާދު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބެލުމަށްފަހު މިއަދު ކޯޓުން ބުނެފައިވަނީ، އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓެއްނަމަ، ހައްޔަރުގެ އަމުރު ނެރުނު ފަނޑިޔާރު، އެ އަމުރަކާ ގުޅިގެން ހައްޔަރުކުރި މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ބެލުމުގައި ބައިވެރިވެގެން ނުވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އަދި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަކީ އެއް މެޖިސްޓްރޭޓަށްވުރެ ގިނަ މެޖިސްޓްރޭޓުން އައްޔަންކޮށްފައިވާ ކޯޓެއް ކަމާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހަންނާދުގެ މައްސައާ ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން އެ އަމުރު ނެރެފައިވަނީ ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށާއި، ހަންނާދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައި ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން އެ ކޯޓުގެ ކޯޓު އަމުރަށް ބެލުމުން އެނގޭކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ، ގާނޫނާ އެއް ގޮތަށް ނެރެފައިވާ ކޯޓު އަމުރެއްކަމަށް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސް ނުވެވޭތީ، ހަންނާދު މަންދުގައި ބެހެއްޓުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލު ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.