ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު މުހައްމަދު ވަހީދު ހަސަން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއެކު ގާތް ގުޅުމެއް ބާއްވަމުންދިޔަކަން ފަޅާ އަރައިފި އެވެ.

އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން އަލަށް އާންމުކުރި 20،000 ފައިލްގެ ތެރޭގައި ވަހީދާއި އެޕްސްޓީންގެ މުއާމަލާތްތައް ވަނީ ހިމެނިފަ އެވެ.

އެ ފައިލްތަކުން ހާމަވި ގޮތުގައި ޖެނުއަރީ 27، 2013 ގައި ވަހީދު އެޕްސްޓީން އަށް ފޮނުވި އީމެއިލް އެއްގައި، އެޕްސްޓީން އަކީ ވަހީދުގެ "ސޭވިއާ" ނުވަތަ ސަލާމަތްކޮށްދޭ ފަރާތް ކަމަށް ބުނެފައިވެ އެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހަތަރު ބިލިއަން ރުފިޔާގެ ލޯނެއް، ކާކުކަން ނޭނގޭ ފަރާތަކުން ހޯދާފައިވާ ކަމަށް ބުނެ އެކަމުގައި ކުރިއަށް ދާނެ ގޮތުގެ ލަފަޔަކަށް އެޕްސްޓީން ކައިރީ ވަހީދު އެދިފައިވާ ކަމަށް ވެސް އެ ފައިލްތަކުގައިވެ އެވެ.

އެ ލޯނަކީ ސްކޭމެއް ނުވަތަ ފްރޯޑެއް ކަމަށް އެ ފައިލްގައި ތުހުމަތުކޮށްފައިވެ އެވެ.

ވަހީދު، އެޕްސްޓީން އަށް މެއިލް ފޮނުވިތާ މަހެއް ފަހުން އޮގަސްޓު 31، 2012 ގައި ޗައިނާއިން ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ. ރޮއިޓާސްގައި ވެސް އެކަން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން 2013 ގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގައި ވެސް އެޕްސްޓީންގެ އެހީއަށް ވަހީދު އެދިފައިވެ އެވެ.

ވަހީދު އެހީތެރިކަމަށް އެދުމުން އެޕްސްޓީން ޖަވާބުގައި ބުނެފައި ވަނީ ކެމްޕޭންގެ ކަންކަން ކުރުމަށް އަދި ބައިނަލްއަގުވާމީ ސަޕޯޓު ހޯދުމަށް ވަހީދު އަށް އެންމެ ރަނގަޅަށް އެހީތެރިވެދެވޭނެ ކަމަށް ދެކެނީ ސްވިޑަންގެ ޑިޕްލޮމެޓެއް ކަމަށްވާ ލީސާ ސްވެންސަން އަށް ކަމަށެވެ.

ކެމްޕޭނުގެ ކަންކަން ރޭވުމަށް ލީސާ ރާއްޖެއަށް އާދެވޭނަމަ އެކަން ހަމަޖައްސައިދޭން ވަހީދު އެދިފައިވާ ކަމަށް އެ ފައިލްތަކުގައިވެ އެވެ.

ވަހީދު، އެޕްސްޓީން އާއި ބައްދަލުކުރިކަން ކަށަވަރު ވަނީ ޖެނުއަރީ 18، 2013 ގައި ފޮނުވާފައިވާ އީމެއިލްއަކުންނެވެ. އެ މެއިލްގައި ބުނެފައިވަނީ ސްވިޑެންގެ ކުރީގެ ބޮޑުވަޒީރު ތޯބަން ޖަގްލަންޑް އާއި އެމަނިކުފާނާއި އެޕްސްޓީންގެ ގެއަށް އެންމެ ފަހުން ދިޔައިރު ބައްދަލުވި ކަމަށެވެ.