ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ކައުންސިލަރެއް ހުންނަން ޖެހޭގޮތަށް ކަނޑައަޅަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ފުވައްމުލަކުގައި، މޭޔަރުގެ އިތުރުން، ގާނޫނުގެ ދަށުން އިންތިޚާބު ކުރުން ލާޒިމު އަންހެން މެމްބަރުން ހިމެނޭ ގޮތުން، ސިޓީގެ އަށް އަވަށުގެ ތެރެއިން ކޮންމެ އަވަށަކަށް އެއް ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރެވޭ ކައުންސިލަރަކު ހުންނަން ޖެހޭނެ އެވެ.

މިހާރު އޮންނަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ކޮންމެ އިދާރީ ދާއިރާއަކަށް ފުވައްމުލަކުގައި ކައުންސިލަރެއް ހުންނަ އުސޫލެވެ. މިހެން ހަމަޖެހިފައި އޮތުމުގެ ސަބަބުން ތިން އަވަށް އެއްކޮށްލައިގެން އިދާރީ ދާއިރާއެއް ގާއިމްކޮށް އެއް ކައުންސިލަރަކު ހުރެ އެވެ.

މީގެއިތުރުން މާލޭ ސިޓީ ކައުންސިލަށް ގެންނަ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިދާރީ ދާއިރާއަކަށް ކައުންސިލަރަކު ހުންނަންޖެހޭ ގޮތަށް ހެދުމެވެ.

އެ އިސްލާހުގައިވާގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.

ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވުން ލާޒިމެވެ.