ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ގ.އެރިއަދޫ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެ އެވެ.

ރައުދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވީ މެއި މަހު އެވެ. މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރައުދު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެފަ އެވެ. މިއާއެކު އެ މައްސަލަ އަވަސްނިޔާގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެނގިފައިވާ ގޮތުގައި މިއަންނަ ހަފުތާގައި މައްސަލައިގެ ހުކުމް ކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ޕީޖީ އޮފީހުން ބުނީ ރައުދުއަށް ދައުވާ ކުރާ ސަބަބަކީ ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވުމާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ޔުމްނު ވެއްޓުނުރޭ އެންމެ ފަހުން ޔުމްނުއާއެކު ގެއެއްގެ ތެރޭގައި ރައުދު އުޅެފައިވާ ސީސީޓީވީ ފުޓޭޖް ތަކުން ފެނިފައިވެ އެވެ. އެމައްސަލައިގައި އޭނާ ހައްޔަރުކުރުމުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެއްފަހަރު ބަންދުން ދޫކޮށްލި އެވެ. އޭގެ އިރުކޮޅެއްފަހުން އޭނާ އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތުގެ ގޮތުގައި 5 ދުވަސް ޖެހުމަށްފަހު އަނެއްކާވެސް 27 މެއިގައި ރައުދު ވަނީ ދޫކޮށްލާފަ އެވެ.

ޔުމްނު ވައްޓާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި ބުރަވެވެނީ ވެއްޓުނީ ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.