މިދިޔަ އަހަރުގެ މިސިސް ވޯލްޑް ކެރޮލީން ޖޫރީ އޭނާގެ މަގާމުން އިސްތިއުފާ ދީފި އެވެ.

ޖޫރީ އިސްތިއުފާ ދީފައިވަނީ މީގެ ހަފުތާ ތަކެއް ކުރިން ސްރީލަންކާގެ މިސިސް ސްރީލަންކާ އިވެންޓް ކާމިޔާބު ކުރި ބައިވެރިޔާއަކީ ވަރިވެފައިވާ އަންހެނެއްކަމުން އެ ކާމިޔާބު ހައްގު ނުވާ ކަމަށް ބުނެ އެ ބައިވެރިޔާގެ ތާޖު ގަދަކަމުން ނެގި މައްސަލަ ހޫނު ވެފައި ވަނިކޮށެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ފަހުން ވަނީ ބެއިލްގެ ދަށުން ދޫކޮށްލާފަ އެވެ.

ޖޫރީގެ ނިންމުމަކީ އެއްވެސް ނުފޫޒެއް ނެތި އޭނާ އަމިއްލައަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިސިސް ވޯލްޑް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

ޖޫރީ އިސްތިއުފާ ދިނުމާއެކު މިސިސް ވޯލްޑް 2020ގެ ރަނަރަޕް ލިބުނު އަޔާލޭންޑުގެ ކޭޓު ނީޑާ އަށް އޭނާގެ މަގާމް ލިބިގެންދާނެ އެވެ.

ކެރޮލީން ޖޫރީ ވަނީ 2019 ވަނަ އަހަރު މިސިސް ސްރީލަންކާ ކާމިޔާބުކޮށް ޖެހިގެން އައި އަހަރު އެމެރިކާގެ ލޮސް އެންޖެލަސް ގައި އޮތް މިސިސް ވޯލްޑްގައި ބައިވެރިވެ އެ ތާޖު މިލްކު ކޮށްފަ އެވެ. -- ރޮއިޓާސް