މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރަމްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.

އިކްރާމަށް ތުހުމަތުކުރެވުނީ އޭނާ މަސައްކަތްކުރާ އޮފީހުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެވެ.

އަންހެން މުވައްޒަފަކަށް އޭނާ ފޮނުއްވި ބައެއް މެސެޖުތަކާ އެކު ކުންފުނީގެ ބޯޑަށް އިކްރަމްގެ މައްސަލަ ހުށަހަޅައި ބޯޑުން އޭނާ ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް މާޗު މަހު އޭނާ ވަނީ މޯލްޑިވްސް ގޭސްގައި އަދާކުރަމުން އައި ވަޒީފާއިން އިސްތިއުފާދެއްވައިފަ އެވެ. އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކާ ހެދިކަމަށް އިކްރާމް ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ބުނީ، މޯލްޑިވް ގޭސް ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް އިކްރަމް، ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރިއިރު، އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތްތަކުގައި ކަން ހިންގާފައިވާ ގޮތަށް ބެލިއިރު، ޖިންސީ ފުރައްސާރަކުރި ކަމަށް ބެލެވެން ނެތް ކަމަށެވެ.

އަދި ބުނީ މައްސަލަ ހުށަހެޅި ސަބަބުތަކާއި ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލައި، އެއީ ޖިނާއީ ދައުވާކުރުމަށް އިތުރަށް ތަހުގީގު ކުރިއަށް ގެންދަންޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

އަންހެން މުވައްޒަފަކަށް މެސެޖު ކުރައްވައި އަދި ދިމާވުމުން ފޮށި ހަދާ ކަމަށް ތުހުމަތު ކުރާ މައްސަލަ، މީގެ ކުރިން އިކްރަމް ވަނީ ދޮގުކުރައްވައިފަ އެވެ.