ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުސައިން ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖެހި ނަމަވެސް ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އަދި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓަށް ހުށަހަޅަން ގަސްތުކުރާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން މިދިޔަ ހަފުތާގައި އޭނާ ގައުމު ދޫކޮށް ދިޔަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު އަނބުރާ ރާއްޖެ އައުމުން ފުލުހުން ފުރަތަމަ ސަނީ ހައްޔަރުކުރީ އެއާޕޯޓުންނެވެ.
އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ. އަދި އެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް މިރޭ ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިންވަނަ ފަހަރަށް ހައްޔަރުކުރީ އިއްޔެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ބަންދުން ސަނީ އުމަރު ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި އެވެ. އަދި އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.
ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.
ޓްރެވަލް ގައިސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަނީ އުމަރު އަދާ ކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން ފޭސްބުކްއަށް އަޕްލޯޑްކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސަނީ ގެންދިޔައީ ކުންފުނީގެ މުހިންމު ރޯލެއް އަދާކުރަމުންނެވެ.
ޖިންސީ ކުށުގެ މައްސަލައަކީ ދިވެހިރާއްޖޭގައި ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެފަދަ 239 މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވެ އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން 58 ދާއިރާގައި ޕްރައިމަރީއަކަށް
މޮބައިލް ފޯނުން ސިކުނޑީގެ ކެންސަރަށް މަގުފަހިވޭ؟
ނޮވެމްބަރު ފުވައްމުލަކުގެ ފެނަށް ބިލް ނުކުރަން ނިންމައިފި