ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލްކޮށް، އެ ތަންތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފި އެވެ. މީގެއިތުރުން އެ ދެ ފަރާތަށް ދީފައިވާ ޕޯޓަލް އެކްސެސް ވެސް މިހާރު ވަނީ ކަނޑާލާފަ އެވެ.

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކުލި ނުދައްކާ ހުރި ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލްކުރަން ނިންމީ އެކި ފަހަރު މަތިން ފުރުސަތު ދިނުމަށް ފަހުގަ އެވެ. އަދި ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ދެ ފްލެޓް ހުސްކޮށް، ކޯޕަރޭޝަނާ ހަވާލުކުރުމަށް މިހާރު ވަނީ އަންގާފަ އެވެ. މި ފިޔަވަޅާ އެކު، އެ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް ބޭނުންކުރުމަށް ދީފައިވާ ހުއްދަ ވެސް ވަނީ ބާތިލްކޮށްފަ އެވެ.

އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، 4،000 ފްލެޓުގެ މަޝްރޫއުގެ ދަށުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތްތަކެއް އެ ފަރާތްތަކާ މެދު ވަނީ ފުރިހަމަކޮށްފަ އެވެ. އެގޮތުން ނުދައްކާ ހުރި ކުލި ދެއްކުމަށް 135 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވާފައިވާ ކަމަށް ބުންޏެވެ. އަދި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް، ފަހި ޕޯޓަލްގެ އިތުރުން އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ރައްދުކޮށްފައިވާނެ ކަމަށް އެފްޑީސީން ހާމަކުރެ އެވެ.

އެފްޑީސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 21 ގެ ނިޔަލަށް ގަވާއިދުން ކުލި ދައްކަމުން ދަނީ 3،362 ފްލެޓަކުންނެވެ. އަދި ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓެއް އެބަހުއްޓެވެ.

މިފަދަ ފިޔަވަޅުތަކެއް އަޅަން ޖެހުނީ ހައުސިން ޔުނިޓްތައް ބެލެހެއްޓުމުގައި ހަމަހަމަކަމާއި އިންސާފުވެރި ދެފުށް ފެންނަ އުސޫލެއް ދެމެހެއްޓުމަށް ކަމަށް އެފްޑީސީން ބުނެ އެވެ. އަދި އިމާރާތްތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށްވާތީ، ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓަނަންސް ފީ ދެއްކުމަށް ހުރިހާ ރައްޔިތުންނަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.