ކާމިޔާބު ފިލްމު "ދަ ބެޓްމޭން"ގެ ދެވަނަ ބައި ކަމަށްވާ "ދަ ބެޓްމޭން ޕާޓް 2"ގެ ޕްރޮޑަކްޝަން މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ފިލްމުގެ މުހިއްމު ތަރިއެއް ކަމަށްވާ ރޮބާޓް ޕެޓިންސަން ހާމަކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ މަސައްކަތް މަޑު ޖައްސާލަން ޖެހުނީ ފިލްމުގެ ޑައިރެކްޓަރު މެޓް ރީވްސްގެ އާއިލީ ކަމަކާ ގުޅިގެން ނެގި ބްރޭކްއެއްގެ ސަބަބުންނެވެ.

"އަހަރެމެން މި ތިބީ ކޮންމެވެސް ވަރަކަށް މަޑުޖައްސާލައިގެން، ދެން ކަންތައް ކުރާނެ ގޮތެއް ވަރަށް އަވަހަށް ބަލާނަން" ރޮބާޓް ބުންޏެވެ.

ކުރިން ނުކުތް ފިލްމާ ބަލާއިރު މި ދެވަނަ ބަޔަކީ މުޅިން ތަފާތު، އަދި ވަރަށް ފުރިހަމަ އުފެއްދުމަކަށް ވާނެ ކަމަށް ޕެޓިންސަން ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން މިއީ ފުރަތަމަ ބަޔާ އަޅައިބަލާއިރު މުޅިން ތަފާތި މިސްރާބަކަށް ކުޅެވޭ، ނަމަވެސް އޭގެ އަސްލު ރަހަތައް އެކުލެވިގެންދާނެ ފިލްމަކަށް ވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޑައިރެކްޓަރު މެޓް ރީވްސް އާއި ފިލްމު ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ ކުރިމަތިވި ހުރަސްތަކުން އަރައިގަނެ ފިލްމުގެ މަސައްކަތް އަލުން ފަށާނެ ގޮތްތައް ރޭވުމަށެވެ.

ފުރަތަމަ ބައި ކަމަށްވާ "ދަ ބެޓްމޭން"އަކީ މުޅި ދުނިޔެއިން ބޮޑު އާމްދަނީއެއް ހޯދައި، ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފިލްމަކަށް ވާތީ، މި ސީކުއެލްއަށް އިންތިޒާރުކުރާ ފަރާތްތައްވެސް ވަރަށް ގިނަ އެވެ.