އެންމެ މި ޒަމާނުގެ ރީތި ގެތަކެކެވެ. އެތައް ހާސް ގެ އެކެވެ. އެންމެ މަތީ ފެންވަރުގެ ތައުލީމު ދޭ ސްކޫލްތަކެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ޚިދުމަތް ލިބި ގަތުމަށް އަންނަން ބޭނުންވާ ފެންވަރުގެ ހޮސްޕިޓަލްތަކެވެ. ޕާކުތަކާއި ހޮޓާތަކާއި ކެފޭތަކެވެ. ދުނިޔޭގެ އެންމެ މުއްސަނދިން ވިޔަފާރި ކޮށްލައި މުނިފޫހި ފިލުވާލުމަށް ޖައްސާލަން ބޭނުން ވާފަދަ އިންޓަގެރޭޓެޑް ޓޫރިޒަމް ޒޯނެކެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހައްދާފައި ހުންނަ ސަރަހައްދ ތަކެކެވެ. މި ހުރިހާ ވަސީލަތްތަކަކާ އެކު ތިމާވެއްޓާ ރައްޓެހި މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބުމުން ދެން އިތުރަށް ދުނިޔެ މަތިން ބޭނުން ވާނީ ކޮން އުފަލެއް ހެއްޔެވެ؟

މަތީގައި އެވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިހަށް ދުވަހު އިއުލާން ކުރި ޓައުންޝިޕް ޕްރޮޖެކްޓްގެ ތަސައްވުރެވެ. ޚިޔާލީ ވާހަކައެއް ނޫނެވެ. ކަރުދާހުގައި ލިޔެ ސަރުކާރުން ކުންފުންޏަކާ އެކު އެއްބަސްވެ، އެކަން އިއުލާން ކުރި "ބޮޑު ބިޔަ" ޕްރޮޖެކްޓެވެ.

ސަރުކާރުން އިއުލާން ކުރި ސްޕެޝަލް އިކޮނޮމިކް ޒޯންގައި ހިންގަން ހަމަ ޖެހިފައިފައިވާ މި ހުވަފެނީ ޓައުންޝިޕް ޕްރޮޖެކްޓަށް ބަލާލާއިރު ފާހަގަ ކުރެވުނު އެންމެ މުހިންމު ކަމަކީ 790 މިލިއަން ޑޮލަރުގެ އެ ބިޔަ މަޝްރޫއު ހިންގަން ހަވާލު ކުރި، ކްރިސްޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ މަޝްރޫއެއް ހިންގާފައިވާ ކުންފުންޏެއް ނޫން ކަމެވެ.

ކްރިސްޓަލް ހޯލްޑިން އާ ބެހޭ ގޮތުން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އެ ކުންފުންޏަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ކުންފުންޏެކެވެ. ކުންފުންޏަށް ފައިނޭންސް ކުރަނީ ސްވިޓްޒަލެންޑްގެ ދެ މީހެކެވެ. ކުންފުނިން ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ބާވެތެއްގެ ޕްރޮޖެކްޓެއް މިހާތަނަށް ހިންގާފައެއް ނުވެ އެވެ.

ދިވެހި ސަރުކާރުން މިމަހުގެ 10 ވަނަ ދުވަހު އިއުލާން ކުރި ޓައުންޝިޕް ޕްރޮޖެކްޓަކީ ހަގީގަތުގައި ކްރިސްޓަލް ހޯލްޑިންސް އަށް 2018 އާއި 2019 އާއި ދެމެދު ސަރުކާރުން ކުއްޔަށް ދީފައި އޮތް ފަޅެއްގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. ފުރަތަމަ އެ ކުންފުނަޏަށް ފަޅު ދޫކުރީ 22 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން ފުރަތަމަ ކުއްޔަށް ދޫކުރި މިންވަރަށް ވުރެ އިތުރަށް ހިއްކުމަށް އިތުރު 5 މިލިއަން ޑޮލަރު ދެއްކި އެވެ. އެއަށްފަހު އެ ކުންފުނިން އައީ ދިއްފަރު ފަޅުގައި 262 ކޮޓަރީގެ އެންމެ މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރުމުގެ އަޑު އަރުވަމުންނެވެ. ރިސޯޓާއި ޖެހިގެން ހެލިޕެޑަކާއި އެ ނޫންވެސް ތަފާތު އެތަށް ކަންތައްތަކެއް ހިމެނޭ ގޮތަށް 122 ހެކްޓަރުގެ ބިޔަ ފަޅެއް ހިއްކުމުގެ އަޑުތައް އައީ ފަތުރަމުންނެވެ.

ކްރިސްޓަލް ހޯލްޑިންސް އިން ހޯދައިފައި އޮތް ނ. އަތޮޅުގެ ބިޔަ ފަޅު އެންމެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރާ ގުޅިގެން ބަދަލުކޮށް ރީބްރޭންޑް ކޮށްލީ ސްޕެޝަލް އިކޮނިމިކް ޒޯންގެ ގާނޫނުގެ ދަށުން ހިންގާ ޓައުންޝިޕް ޕްރޮޖެކްޓަކަށެވެ. އެ ކަމަށްޓަކައި ނ. އަތޮޅުން ކުރިން ކުއަޔަށް ދޫކޮށްފައި އޮތް ބިޔަ ފަޅުގެ އިތުރުން އެ ހިސާބުގެ އެހެން ބައެއް ރަށްރަށް ވެސް އެ ކުންފުންޏަށް ލިބެ އެވެ.

ސަރުކާރުން ކްރިސްޓަލް ހޯލްޑިން އަށް ކުރިޔަށް ގެންދިއުމަށް ހުއްދަ ދިން ހުވަފެނީ ބިޔަ މަޝްރޫއަކީ މާޒީގައި ކަން ހިނގާފައިވާ ގޮތާއި މިހާތަނަށް ކްރިސްޓަލް ހޯލްޑިން އިން ކަންތައް ކުރަމުން އަންނަ ގޮތަށް ބަލާއިރު ހަގީގަތަކަށް ވުމަށް ވުރެ ނުވުން ގާތް ޕްރޮޖެކްޓެކެވެ. މި ވާހަކައަށް ބާރު ދޭ ދަލީލަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އިއުލާން ކުރި ފްލޯޓިން ސިޓީ އެވެ.

ޑަޗް ޑޮކްލެންޑް ޔާޑާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމައި މާލެ އަތޮޅުން އެތައް ފަޅެއް އެ ކުންފުންޏަށް ދިންކަމުގައި ވިޔަސް އެ މަޝްރޫއެއް ވުޖޫދެއް ނުވި އެވެ. ކުރެވުނުހާ ވެސް ކަމަކީ ޕްލައިވުޑުން އަލާފައި ހުރި ގެއެއް ބަނޑެއްގެ މަތީ ބާއްވާގެން ފަޅު ތެރޭގައި ނަމޫނާ ގެއެކޭ ކިޔާފައި ދުވަސްކޮޅަކަށް ދައްކާލުމެވެ. އެ ޕްރޮޖެކްޓަށް ދޫކުރި ފަޅުތައް ވެސް ވިއްކައި ހުސްކޮށްލީ އެވެ.

ރާއްޖޭގެ ކަނޑާއި ފަޅަކީ އަގު ބޮޑު ވަސީލަތްތަކެކެވެ. އެ ވަސީލަތްތައް ވަކި ބައެއްގެ ޖީބަށް ބަރުވާ ގޮތަށް ނުއަގުގައި ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސަރުކާރުތަކުން މިގޮތަށް ކުރާ ކަންތަކުގެ ސިލްސިލާއަށް އެންމެ ފަހުން އިތުރުވާ ބޮޅަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިއުލާން ކުރި ޓައުންޝިޕް ޕްރޮޖެކްޓް ކަމަށް ވުމީ ގާތް ކަމެކެވެ. ކަންތައް ވަމުންދާ ގޮތަށް ބަލާއިރު ޓައުންޝިޕް ޕރޮޖެކްޓަކީ ބަޔަކު މުއްސަނދި ވުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނަކަށް ވެދާނެ އެވެ.