މާލެ ސަރަހައްދުގެ ނުރައްކާތެރި މިންވަރަށް ވައި ނުސާފުވުމުން، އެޗްޕީއޭއިން އޮރެންޖު އެލާޓް ނެރެފި އެވެ.

އެޗްޕީއޭ އިން ބުނީ ވައި ނުސާފުވުމުން ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، އެ ފަދަ ހާލަތުގައި ތިބި މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވަނީ އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު އެން95 މާސްކު ބޭނުންކުރުމާއި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕަން އަދި އެއާ ޕިއުރިފަޔާ ބޭނުންކުރަން އެދިފައެވެ.

ވައިނުސާފުވުން މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިއަށް ވުރެ ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ.

މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީ އެވެ.