ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވަޒީފާތައް ބަހާލުމަށް އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އެޗްޑީސީން ޔުނިޓެއް އުފައްދައިފި އެވެ.

އެޗްޑީސީން މިފަދަ ޔުނިޓެއް އުފައްދައި ގިނަ ބަޔަކަށް ވަޒީފާތައް ބަހާލަމުން ދާއިރު، ހުޅުމާލޭގެ ސެކިއުރިޓީ ފުލުހުން މިހާރު ވެސް ބަަހައްޓަ އެވެ. އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ފުލުހުންނަށް ބޮޑު ހޭދައެއް ކުރެ އެވެ.

އެ ކުންފުނިން ބުނީ އެސްޓޭޓް ސެކިއުރިޓީގެ ޔުނިޓް އުފެއްދީ ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުމަށް ކަމަށެވެ.

އެ ހިދުމަތް ރޭ އިފްތިތާހު ކުރީ "ސޭފާ ހުޅުމާލެ" ގެ ނަމުގައި ފަރުކޮޅުފުށީގައި ރޭ ބޭއްވި އިވެންޓެއްގަ އެވެ.

އެސްޓޭޓް ސެކިޔުރިޓީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ އެ ކުންފުނިން މިހާރު ދޭ ސެކިއުރިޓީގެ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ރިފޯމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެސްޓޭޓް ސެކިޔުރިޓީގެ މުވައްޒަފުންނަށް ރޭ ވަނީ ހާއްސަ ޔުނީފޯމެއް ވެސް ތައާރަފްކޮށްފަ އެވެ.

އެސްޓޭޓް ސެކިޔުރިޓީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ވެސް ހުޅުލޭގެ އާންމު ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކާ މި އަހަރު ވަނީ އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ވަނީ ތައާރަފްކޮށްފަ އެވެ. ބޮޑު ހަރަދެއްކޮށްގެން ހިންގާ އެ ސެކިޔުރިޓީގެ ނިޒާމު ފެއިލްވެ، އެއާޕޯޓަށް ގެންދިޔަ ބީއެމްއެލްގެ ގިނަ އަދަދެއްގެ ޑޮލަރުތައް ވަނީ ފޭރިގެންފަ އެވެ.