އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 'ވެސަލް ފައިނޭންސިންގ' ގެ ނަމުގައި އާ ފައިނޭންސިން ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފި އެވެ.
މި ފައިނޭންސިންގެ ދަށުން 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށާއި، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފަ އެވެ. މި މުއްދަތުގެ ތެރޭގައި 18 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ.
މި އާ ފައިނޭންސިން ދޫކުރަނީ ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފަށަން އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް، އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށެވެ. މި ފައިނޭންސިންގ މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންއަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ.
"މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގްތިސާދު ހަރުދަނާކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން."
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.
މާ ގިނައިރު ސްކްރީނަށް ބަލަން ޖެހޭނަމަ ލޮލަށް ސަމާލުވޭ!
ބޭސް ނުލިބޭތީ އެސްޓީއޯއާ އާސަންދަ މަޖިލިހަށް ހާޒިރުކުރަން އެދެފި
