ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ފައިސާ ނެގުމަށްފަހު އެތައް ބަޔަކަށް ލަނޑުދިން ހަސަން މަމްދޫހު (މަންޑޭ) ގެ އެދުމުގެ މަތިން ޝަރީއަތް ފަސްކޮށްދިނުމުން އޭނާ ފިލައިފި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުން ހޮނިހިރު ދުވަހަށް ފަސްކުރީ މާތްﷲ އަށްޓަކައި ޝަރީއަތް ފަސްކޮށްދޭން މަންޑޭ ކޯޓުގައި އެދުމުން ކަމަށެވެ.

ބަންދުގައި ބަހައްޓައިގެން މަންޑޭ ކޯޓަށް ހާޒިރު ކޮށްދޭން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ ގުޅިގެން މާދަމާ 2:00 އަށް އޭނާ ކޯޓަށް ހާޒިރުކުރަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ދިރިއުޅޭ ގެއަަށް ދިޔައިރު އެގެއަކު އޭނާ ނެތެވެ. އެގޭގައި އުޅޭ މީހުން ވެސް ބުނަނީ އޭނާ ދިޔަ ތަނެއް ނޭނގޭ ކަމަށެވެ. މަންޑޭ މިހާރު ވަނީ ފިލާފަ އެވެ.

އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ އިއްޔެ ވިދާޅުވި އެވެ.

އެ މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ 50 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް މަންޑޭއަށް އައުމުގެ ފުރުސަތު އެބައޮތެވެ.