ރޯދަމަހަކީ އާއްމުކޮށް އިސްރާފު ކުރުން އިތުރު މަހެކެވެ. އުކާލަން ޖެހޭ ކާބޯތަކެތި ގިނަ މަހެކެވެ. ގިނަ ގެތަކުގައި ފެންނަ މަންޒަރަކީ މިއީ ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ރޯދަމަހު ދަތިހާލުގައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި ރޯދަވީއްލުމާއި ހާރުދަމަށް ކާބޯތަކެތި ނުލިބިގެން އުޅޭ މީހުން އުޅެ އެވެ. ޒިންމާވާނެ ފަރާތެއް ނެތް ބިދޭސީންނެވެ. މަގުއޮޅި އާއިލާތަކާ ދުރުވެފައިވާ ޒުވާނުންނެވެ. ލިބޭ އާމްދަނީ މަދު، ފަގީރުންނާއި މިސްކީނުންނެވެ.

މިފަދަ ފަރާތްތަކަށް ރޯދަވީއްލުމުގެ އިންތިޒާމުތައް މާލޭގެ ބައެއް މިސްކިތްތަކުގައި ހުރިނަމަވެސް ހާރުދަމަށް ކެއުމަކީ އެ މީހުންނަށް ސަލާން ޖެހައިގެން ނޫނީ ކުރިން ލިބިފައި ނެތް ފުރުސަތެކެވެ. އެކަން ބަދަލުކޮށްލީ އަމިއްލަ ފަރާތަކުންނެވެ. "އެންމެން ކައިގެން"ގެ ފަހަތުގައިވާ ހީވާގި ޒުވާން ޓީމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޕޯސްޓެއް ލޮލުގައި އަޅައިގަތީ މީގެ ދެތިން ދުވަސް ކުރިންނެވެ. "އެންމެން ކައިގެން"ގެ ނަމުގައި ހިންގާ ޕޭޖަކުން ކޮށްފައިވާ މިޕޯސްޓުގެ ހަގީގަތް ބަލާލުމަށް ޝައުގުވެރިވެ އެ ޕޭޖުގައި ދީފައިވާ ނަމްބަރަށް ގުޅާލީމެވެ.

އެންމެން ކައިގެން" ހަރަކާތުގެ ތެރެއިން

"ރޯދަވީއްލުމަށްފަހު ގޭގައި ގިނަވާ ތަކެތި ހަދިޔާ ކޮށް ސަދަގާތް ކުރާނެ ޕްލެޓްފޯމެއް ނެތްކަން އެނގުނީމަ މި ހިޔާލު އައީ،" އެ މޫވްމަންޓް ފެށުނު ގޮތާ ބެހޭގޮތުން އެ ކެމްޕެއިންގެ ފައުންޑަރު ފާތިމަތު ޝައްމާ ގައްޔޫމް " ހުރިހާ"އަށް ބުންޏެވެ.

މިސްކިތްތަކުގައި ރޯދަވިއްލުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަ ގޮތަށް ހާރުދަމުގެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އެފަދަ ފުރުސަތެއް އާއްމުންނަށް ހޮޅުވާލުމުގެ މަގްސަދުގައި ޝައްމާ އާއި އޭނާގެ ޓީމުން ފެށި މި ކެމްޕެއިން ވެގެންދިޔައީ އަހަރުމެންގެ ތެރޭގައި އޮތް ރޯދަމަހުގެ އާދަކާދަ ބަދަލުކޮށްލާނެ ކެމްޕެއިނަކަށެވެ.

އެންމެން ކައިގެން ހަރަކާތުގެ ތެރެއިން ކާބޯތަކެތި ބަހަނީ

އާއްމުންނަށް ކާބޯތަކެތި ހަދިޔާ ކުރަން ހޮޅުވާލި ފުރަތަމަ ރޭވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އިތުރު ޖާގައަށް ބޭނުންވުމުގެ ސަބަބުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާ ގުޅިގެން އެންމެ ދުވަހެއްގެ ތެރޭގައި ހެންވޭރު ދަނޑު ކުރިމަތީގައި އޮންނަ މުނިއުފާ މައިޒާން ހަމަޖެހުނު ކަމަށް ޝައްމާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގުނު ދިވެހިން ކާއެއްޗެހި އުކާލަނީ ބޭނުން ވެގެން ނޫންކަން. މިކަހަލަ ޕްލެޓްފޯމެއް ނެތީމަކަން،" އޭނާ ބުންޏެވެ.

އެންމެން ކައިގެން ހަރަކާތުގެ ތެރެއިން ގިނަ ބަޔަކު ކިއު އެއްގައި

މި ހަރަކާތުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވާނެކަން ޔަގީނެވެ. އިސްރާފު ކުރުމުން ދުރުވެވޭއިރު ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ހިތްހަމަޖެހުން ލިބިގެން ދާނެ އެވެ. ހާލުގައި އުޅޭ މީހުންނަށް އެހީގެ އަތެއް ލިބި، އެމީހުންގެ އުނދަގޫތަކަށް ކުޑަނަމަވެސް ލުޔެއް ލިބިގެން ދާނެ އެވެ.

ޝައްމާ ބުނިގޮތުގައި ކޮންމެ ރެއަކު ވެސް ގިނަ އަދަދަކަށް އާއްމުން ކާއެއްޗެހި ހަދިޔާކުރާއިރު، އެންމެ ރެއަކު ވެސް އެތަކެތި ގިނަވެގެން އުކާލަން ޖެހިފައެއް ނުވެ އެވެ.

ދެތިން އެކުވެރިން ގުޅިގެން ފެށި މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި މިއަދު މިވަނީ މުޅި މާލެ ސިޓީއަށް ފުޅާވެފަ އެވެ. ކާބޯތަކެތި ހަދިޔާކުރުމަށްޓަކައި ހުޅުމާލެއިން ވެސް މީހުން އަންނަކަން ފާހަގަކޮށް ޝައްމާ ބުނެފައިވަނީ ރޯދަމަހުގެ ކުރިއަށް އޮތް ތަނުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ހުޅުމާލޭގައި ވެސް މިފަދަ ޕްލެޓްފޯމެއް ހުޅުވުމަށް މަސައްކަތް އަންނަ ކަމަށް އޭނާ ބުންޏެވެ.

ރޯދަމަހުގެ އާދަކާދަ ބަދަލުކޮށްލި މި ހަރަކާތް ހިންގުމުގައި މުޅިންވެސް އުޅެނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ވޮލަންޓިއަރުން ކަން ޝައްމަ ފާހަގަކުރީ އުފަލާއެކީގަ އެވެ. އާއްމުންނާއި ވޮލަންޓިއަރުންގެ ފަރާތުން މި ހަރަކާތަށް ލިބެމުންދާ އެއްބާރުލުމަށް ހަރަކާތުގެ ހިންގާ ޓީމުން ޝުކުރު އަދާކުރެ އެވެ.

"އެންމެން ކައިގެން" ޓީމްގެ ބައެއް މެމްބަރުންނާއި ވޮލަންޓިއަރުން

ޒުވާނުންތަކެއްގެ މި އިސްނެގުމަށް މިއަދު އަޅުގަނޑުމެން އައްސަރިބަހާއި ސާބަސް ދޭން ޖެހެ އެވެ. މިއަދުގެ މުޖުތަމައު ބޭނުން ޖެހިފައިވަނީ މިފަދަ ޒުވާނުންނަށެވެ. މުޖުތަމައުގެ ތެރޭގައި އޮތް މުހިއްމު މައްސަލަތައް ހައްލު ކުރުމަށްޓަކައި އަތުކުރި އޮޅާލާނެ ޒުވާނުން އުޅޭކަމީ އުފާކުރަން ޖެހޭ ކަމެކެވެ.

އަދިވެސް އެއްފަހަރު "އެންމެން ކައިގެން" މޫވްމަންޓްގެ އެންމެހާ ހިންގުންތެރިންނަށް ޝުކުރިއްޔާ އެވެ! ތިޔަ ހިތްވަރަށް އައްސަރިބަހާ ސާބަހެވެ. ތިޔަ ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާ އިތުރު ކުރިއެރުން ދެއްވާށިއެވެ!

"އެންމެން ކައިގެން" ހަރަކާތަށް ކާބޯތަކެތި ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކާތަކެތި ބަންދު ކުރުމަށްފަހު ކޮންމެ ރެއަކު 9:30 ން 12:00 އަށް މުނިއުފާ މައިޒާނުގައި ހަރަކާތްތެރިވާ އެ މޫވްމަންޓްގެ އޮފިޝަލުންނާ ޙަވާލު ކުރެވޭނެ އެވެ. އަދި ކާބޯތަކެތި ބޭނުންވާ ފަރާތްތަކުން ވެސް އެ ސަރަހައްދަށް ވަޑައިގެން ބޭނުންވާ ތަކެތި ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ އެވެ.