ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ފައިސާ ނެގި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާތައް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަން ނިންމައިފި އެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން މަންޑޭ ފައިސާ ނެގި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރި އެވެ.

އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

އެ މައްސަލާގައި އަދަބު ކަނޑައެޅުން މިއަދު ބާއްވަން ހަމަޖެއްސި ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އަދަބު ކަނޑައެޅުން މާދަމާ ހެނދުނު ބާއްވަން ނިންމެވީ ކަމަށެވެ.

އެ މައްސަލާގައި ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ވެސް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން 86 ދައުވާއެއް ސާބިތުވާ ކަމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި ބާކީ ހުރި ދައުވާތައް ވެސް މިއަދު ވަނީ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލާގައި މަންޑޭ ހުޅުމާލެއިން ގަނެފައިވާ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.