ޖުވާ ކުޅުމާއި ޖުވާ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައި ވަނީ ޖުވާކުޅުމާއި އެފަދަ ތަނެއް ހިންގުމަކީ ކުށަކަށް ހެދުމަށް މާއްދާއެއް ހިމަނާފަ އެވެ.

ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ބިލުގައި ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަ އެވެ. އެ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހަތަރު އަހަރާ ހަމައަށް ބޮޑު އެ އަދަބު ބޮޑު ކުރެވެ އެވެ. އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

އެ ބިލުގައިވާ ގޮތުން ޖުވާ ކުޅުމުގެ އާލަތަކީ އެ އެއްޗެއް އޮޕަރޭޓް ކޮށްގެން އެއީ އެ މީހެއްގެ ނަސީބަށް ނުވަތަ ހުނަރަށް ބިނާކޮށް ކަމުގައިވިޔަސް އެ މީހަކަށް ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗިއްސެވެ. އަދި އެފަދައިން ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް ލިބިގަތުމުގެ ހައްގެއް ނުވަތަ މަސްލަހަތެއް ލިބޭ ގޮތް މަގުފަހިކޮށްދޭ އެއްޗެކެވެ.

ބިލުގައިވާ ގޮތުން، ޖުވާކުޅޭ ތަނެއް ހިންގުމުގެ މާނައަކީ ވަކި ތަނެއްގައި ޖުވާކުޅުމުގެ އާލާތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ޖުވާކުޅުމުގެ ހަރަކާތްތައް އިންތިޒާމުކޮށް ހިދުމަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ މުބާރާތެއް ހިންގުމެވެ. މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ޖުވާކުޅުމުގެ ވިޔަފާރި ވެސް ހިމެނޭ ކަމަށް ބިލުގައިވެ އެވެ.

އޮންލައިންކޮށް ޖުވާ ކުޅުން ރާއްޖޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޖުވާ ކުޅުމަކީ މާތްﷲ ހަރާމްކުރައްވާފައިވާ ކަމެކެވެ.