ރާއްޖޭގައި ދަރިވަރުންގެ ޔުނިފޯމު ހުންނަންވާނީ ގައުމުގެ މާހައުލާ ގުޅޭ ގޮތަށް ކަމަށާއި އެ ކުދިންގެ ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ކޯޓުލުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި ޔުނިފޯމުގެ ގަވައިދުތަކާއި ކުލަތައް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ޔުނިފޯމަށް ގެންނަ ބަދަލުގެ ދަށުން، ރަސްމީ ޔުނިފޯމުގެ މަތީބައި ނުވަތަ ގަމީސް ހުންނަން ޖެހޭނީ ހުދު، މަޑު ނޫ، ގަދަ ފެހި (ޓީލް ގްރީން) ނުވަތަ މަޑު ރަތް ކުލައިގަ އެވެ. ރަސްމީ ޔުނީފޯމުގެ ފަޓުލޫނު/ސްކާޓް/ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިން ކަމަށް އުސޫލުގައިވެ އެވެ.

އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުން ޔުނިފޯމާ އެކު ޓައީ އަޅާނީ ސްކޫލުން ބޭނުން ނަމަ އެވެެ. އެކަމަކު ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ޓައީގައި އެ ސްކޫލެއްގެ ބެޖު ޖަހަން ޖެހެ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަސަން އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރު ތައުލީމަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުމެއް އައީ ސްކޫލުތަކުގެ ޔުނިފޯމަށެވެ.

ހަސަން ވިދާޅުވީ ރާއްޖެއަކީ ހޫނު އަދި ޖައްވުގެ ތެތްކަން ބޮޑު ގައުމެއް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ދަރިވަރުންގެ ޔުނިފޯމު މި މާހައުލާ ގުޅެންޖެހޭނެ ކަމަށެެވެ.

ހަސަން ވިދާޅުވި ގޮތުގައި ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ސަދުރިޔާ (ވެސްޓް) އާއި ކޯޓުލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެކެވެ. މިރި ނުވެ ގަބުޅިއަށް ވާގޮތަށް، ނުވަތަ ޔަގީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެ ކުދީންނަށް ދެވޭ އަނިޔާއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހަމީދު ވިދާޅުވީ ޔުނިފޯމަކީ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ނައްތާލައި ހަމަހަމަ ބައެއްގެ ގޮތުގައި ރަމްޒުކުރުމަށް ލާ އެއްޗެއްކަމަށެވެ. އެހެން ކަމުން އެ ހަމަހަމަކަން ނުގެއްލޭ ގޮތަށް ކަންކަން ކުރުމަށް އޭނާ ވަނީ އެދިފަ އެވެ.