ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ދިއްދޫގެ ހުޅަނގުފަރާތު ފަޅު ހިއްކުމުގެ މަސައްކަތް ފެށީ ފަތިހު 4:00 ހާއިރު އެވެ.

އެމްއޭސީއެލް އިން ބުނީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވިދާޅުވެފައި ވަނީ އެމަނިކުފާނު ދެން ދިއްދުއަށް ވަޑައިގަންނަވަނީ އެ ރަށު އެއާޕޯޓަށް ޖައްސާ ފުރަތަމަ ފްލައިޓްގައި ކަމަށެވެ.

ދިއްދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ފުރަތަމަ ހހަވާލުކުރީ އެމްޓީސީސީއާއެވެ. އެއީ އޭޕްރިލް 19، 2024ގައެވެ.

ދިއްދުއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ލޯންޗެއްގައި 15 މިނެޓުން ދެވެ އެވެ. ނަމަވެސް އެ ރަށު ރައްޔިތުން ބޭނުންވަނީ އެ ރަށުގައި ވެސް އެއާޕޯޓެއް އެޅުމަށެވެ.