ރާއްޖޭގައި ކެންސަރަކީ ވަރަށް އާންމު ބައްޔެއް ކަމަށާއި އެކަން އާންމުކޮށް ދިމާވަނީ ދުންފަތުގެ އިންތިއުމާލުކުރުމުގެ ސަބަބުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ދެނެގަނެވިފައި ނުވި ނަމަ ވެސް އާންމުކޮށް އެބަލި ޖެހެން މެދުވެރިވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ކެނަސަރު ބައްޔަށް ފަރުވބާ ހޯދާ މީހުން މަދެއް ނޫނެވެ. ފުދޭ މިންވަރަކަށް އެ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުން އަންނަނީ އިތުރު ވަމުންނެވެ.

އެ ގޮތަށް ކެންސަރު ބަލި ޖެެހެން މެދުވެރިވާ ސަބަބަކީ ކޮބައިތޯ، ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ކެންސަރު ބައްޔަކީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ކަންބޮޑުވުން އޮތް އެއް ބަލި ކަމަށާއި ކެންސަރު ޖެހެން މަގުފަހިވާ އެކި ސަބަބުތައް އެބަހުރި ކަމަށެވެ. ނަމަވެސް ދިވެހީންނަށް ކެންސަރު ޖެހެނީ ސީދާ ކޮން ސަބަބަކާ ހެދިކަން އެއީ އަދި ހޯދިފައި އޮތް ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ބައެއް ހާލަތުގައި ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެެހެން މެދުވެރިވާ ބައްޔަކަށްވާއިރު އަނެއްބައިފަހަރު އެއީ އާއިލީ ގޮތުން ވާރުތަވާ ބައްޔެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގައި ވަކި މިވެނި ސަބަބަކާ ހުރެއެކޭ ކެންސަރު ޖެހެނީ ބުންނަން ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ސިއްހީ ސިޔާސަތުގެ ދަށުން ކުރިއާލާ ޓެސްޓުތައް ހެދުމަށް ބާރު އެޅުމާއި، ރަށްރަށުގައި ވެސް ޓެސްޓު ހެދޭނެ މަގުފަހި ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ކެންސަރަށް ދެވޭ ފަރުވާގެ ހިދުމަތް ވެސް އަތޮޅު ތެރޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ ކެންސަރު ޖެހުމުގައި ރާއްޖޭގައި އެންމެ އާންމު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އެއީ އެންމެނަށް ވެސް އެނގޭ ހަގީގަތެއް ކަމަށާއި، ދުންފަތާ ގުޅޭގޮތުން މި ސަރުކާރުން އެޅި ފިޔަވަޅުގެ ތެރެއިން އެކަމުގައި ހެޔޮ ބަދަލުތަކެއް ފެންނާނެކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ކެންސަރު ބަލީގައި ވަރަށް ކައިރިކައިރީ ފާއިތުވި އަހަރުތަކުގައި މީހުން މަރުވެ، އެ ކަން އާންމުންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރަށް، ރާއްޖޭގެ ދަނޑުތަކުގައި ހައްދާ މޭވާއާއި ތަރުކާރީއަކީ ބޭރުން އެތެރެކުރާ ކެމިކަލް ވެސް ގިނަ އަދަދަކަށް ޖަހައިގެން ހައްދާ މޭވާއާއި ތަރުކާރީއެވެ. އެހެންކަމުން އެ ތަކެތީގައި ހުންނަ ބައެއް މާއްދާތަކަކީ ވެސް ކެންސަރަށް މަގުފަހިވުމުގެ ބިރު ހުރި މާއްދާތަކެވެެ.