ބޭސް ފިހާރަތަކުން އާސަންދައަށް ބިލްކުރާއިރު، އާއްމުކޮށް ބާޒާރުގައި ބޭސް ވިއްކާ އަގުތަކަށް ވުރެ އެތައް ގުނަ ބޮޑުކޮށް އާސަންދައަށް ބިލްކުރާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓްގައި ބުނެފައި ވަނީ، ބާޒާރުން ލިބެން ހުންނަ އަގަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ރާއްޖެ އެތެރެކުރާ އަދި އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް ބާޒާރުން ލިބެން ހުރި އަގަށް ވުރެ ބޮޑުކޮށް އާސަންދަ ސްކީމުން ހަރަަދުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އާންމުކޮށް ބޭނުންކޮށް އުޅޭ 26 ބޭހެއް ބޭސް ފިހާރަތަކުން ދޫކުރާ އެންމެ ކުޑަ އަގާއި އާސަންދައިން އެބޭސް ދޫކުރާ އަގާ އަޅާބެލިއިރު، 17 ބޭހެއްގެ އަގު ބާޒާރުން ވިއްކްާ އަގަށް ވުރެ ބޮޑުކޮށް ސްކީމް މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގެން އެބައޮތް ކަމަށް ބުނެފައިވެ އެވެ.
މީގެ ތެރެއިން ބައެއް ބޭސްވިއްކާ ތަންތަނުން ބޭސްވިއްކާ އެންމެ ކުޑަ އަގަށް ވުރެ 63 އިންސައްތައާ ހަމަޔަށް ވެސް ބޮޑުކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ ބޭހާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭހުގެ އަގު ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އާސަންދައިން ބޭސް ވިއްކާ އަގު ކަނޑައެޅުމުގައި ބޭހާ ބެހޭ ގަވާއިދުގައިވާ މިންގަނޑަށް އަމަލުކުރަމުން ނުދާއިރު، ބޭހުގެ އަގު ކަނޑައެޅުމުގައި ބޭސް ވިއްކާ ފަރާތްތަކުން ވެސް އަމަލުކުރަނީ އެކި ފަހަރު އެކި ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓްގައި ވަނީ ފާމަސީތަކުން އިންވޮއިސް އަދި ސީއައިއެފް ހުށަހެޅުމަށް އުޒުރުވެރިވުމާއި، ބޭސް އެތެރެކުރާ ފަރާތްތަކުގެ ތަފާސްހިސާބުތަކުގައި ބޮޑެތި ފަރަގުތައް ހުރުމުން އަގު ކަނޑައެޅުމަށް ގޮންޖެހުންތައް ދިމާވެފައި ހުރިކަން ވެސް ފާހަގަކޮށްފަ އެވެ.
ބޭހާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވުރެ ބޮޑުކޮށް އާސަންދައިން ބޭހުގެ އަގު ބޮޑުކޮށްފައިވުމުން އޮޑިޓްގައި ވަނީ 17 ބޭހަކަށް އެކަނި ވެސް އިސްރާފަށް މަގުފަހިވާ ގޮތަށް 3 އަހަރުގެ ތެރޭގައި 45 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ.
މި ރިޕޯޓްގައި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ބޭސް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން ބޭސް ނަގާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ފާސްކޮށްފި
އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި
ޓިމޮތީގެ ހުއްޓުމެއް ނެތް ޝުކުރު ކައިލީއަށް!