ވައި ނުސާފުވުމުގެ މައްސަލައާ ގުޅިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ވެސް ބުރޫއަރަން ފަށައިފި އެވެ.

އޭވިއޭޓަސް މޯލްޑިވްސްގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޖައްވު ނުސާފުވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭތެރެއަކުން ވިޒުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ސަސްޕެންޑު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ވީއެފްއާރަކީ މަތިންދާބޯޓު ދުއްވުމުގައި ޕައިލެޓުން އަމަލުކުރަން ޖެހޭ ގަވާއިދުތަކެކެވެ. އެއީ ޕައިލެޓްގެ ލޮލަށް ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ބޯޓު ދުއްވުމެވެ. ވީއެފްއާރުގައި ދުއްވޭނީ މޫސުން ރަނގަޅު ނަމަ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން މަތިންދާބޯޓު ވަކި އުސްމިނެއްގައި ދުއްވާއިރު މަދުވެގެން ފަސް ކިލޯމީޓަރުގެ ދުރަށް ފެންނަން ޖެހެއެވެ. ނަމަވެސް، ޖައްވު ނުސާފުވުމުގެ ސަބަބުން މިދިޔަ ދެތިން ދުވަހު ދުރު ފެންނަ ވަރު ދެ ކިލޯމީޓަރަށް ވެސް ބައެއް ވަގުތުތަކުގައި ވަނީ ދަށްވެފަ އެވެ.

ޖައްވު ނުސާފުވުމުގެ ސަބަބުން އެންމެ ބޮޑު ދަތިކަމެއް މިވަގުތު ކުރިމަތިވަނީ، އާންމުކޮށް ވަރަށް ތިރިން ދުއްވާ، ވީއެފްއާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން އޮޕަރޭޓްކުރާ ސީޕްލޭންގެ ދަތުރުތަކަށެވެ.

މިދިޔަ މަހެއްހާ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ އެވްރެޖުކޮށް ހުރީ 63 - 172 އާ ދެމެދުގަ އެވެ. އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.

މެޓް އޮފީހުން އިއްޔެ ބުނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ދުވަހު ވެސް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވާނެ ކަމަށް ލަފާކުރެވެ އެވެ.

ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.