ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހާއްސަ ޕްރޮގްރާމެއް އިއުލާންކޮށްފި އެވެ.
މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ޒަރިއްޔާއިން ބާރުވެރިކުރުވައި، މުޖުތަމައުގެ އެކި ހަރަކާތްތަކުގައި އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ސްޕެޝަލް އޮލިމްޕިކްސް އިންޓަރނޭޝަނަލް އަކީ ކުޅިވަރުގެ ހަރަކާތްތައް މެދުވެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މީހުން ބާރުވެރިކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. މި ގޮތުން، ދިވެހިރާއްޖޭގައި މި ހަރަކާތްތައް ގައުމީ ފެންވަރުގައި ހިންގާ އިދާރާއަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި ހަރަކާތުގައި 60 އެތްލީޓުންނަށް "ސްޕެޝަލް އޮލިމްޕިކްސް ފިޓް5" ކަރިކިއުލަމްގެ ދަށުން ކޮންމެ ހަފްތާއަކު ވެސް ތަމްރީނުތައް ކުރިއަށްގެންދެވޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި، ސިއްހަތައް ރަނގަޅު ކާނާގެ މުހިންމުކަމާއި، ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުމެވެ. މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެ ރަށުގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެ އެވެ.
''ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލުކުރުވުމަށާއި، ހަމަހަމަކަން ގާއިމުކުރުމަށް 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' އަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް. މިފެސްޓިވަލްތަކުން ބިންގާއެޅިގެންދިޔަ އެތަށް އެތުލީޓުންނެއް މިއަދު ދަނީ ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖެ ތަމްސީލުކޮށް ރަން ވަނަތައް ހާސިލް ކުރަމުން. ދިރާގުގެ އެހީތެރިކަމާއެކު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިމިވާ ޕްރޮގްރާމްގެ ސަބަބުން، ޝާމިލުކުރަނިވި މުޖުތަމައުއެއް ބިނާކޮށް، މި ކަމަށް މުޖްތަމައު އިތުރަށް އަހުލުވެރިވެގެންދާނެ، އަދި މި މަސައްކަތަށް އިތުރު ހިތްވަރެއްލިބި ގިނަ ބަޔަކަށް ފައިދާތަކެއް ކުރާނެ'' ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއަރ ޕާސަން، އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
"ކުޅިވަރުގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، މި ޕްރޮގްރާމަކީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރުސަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާއި ގުޅިގެން، މުޖުތަމައުގައި އެންމެންގެ ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލުން ދިނުން." ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވި އެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ، ކުޅިވަރުގެ ޒަރީއާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމް ފާއިތުވެ ދިޔަ 8 އަހަރު ވަނީ މާލޭގައި ބާއްވައިފައެވެ. ދިރާގުން ދަނީ މުޖުތަމައުއަށް މަންފާކުރަނިވި މި ފަދަ ހަރަކާތްތަކަށް ހާއްސަ އިސްކަމެއް ދީގެން މި ފަދަ ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރިވިއު: "ޕަރީ"އަކީ ދިވެހި ފިލްމުތަކަށް މުޅިން ތަފާތު ރަހައެއް!
ކެޓްރީނާއާއި ވިކީގެ ދަރިފުޅުގެ ނަމަކީ ވިހާން!
