ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތުން ދައްކައިފި އެވެ.
ބަޖެޓު ފޮތުގައި ހިމަނާފައިވާ މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު، އަންނަ އަހަރުގެ ރޯދަ މަހު މަސްދަޅު ކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި 2028 ވަނަ އަހަރު އެ ކަމަށް 90.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، 2029 ވަނަ އަހަރުގެ ރޯދަ މަހު މަސްދަޅު ކޭސް ބެހުމަށް 95.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓު ފޮތުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ރޯދަ ހަދިޔާގެ ގޮތުގައި ބަހަން ފެށީ 2025 ވަނަ އަހަރު އެވެ. އެ އަހަރު އެ މަޝްރޫއަށް 81.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ ރޯދަ މަހު ޖުމުލަ 118،000 މަސްދަޅު ކޭސް ވަނީ ބަހާފަ އެވެ. އޭރު މިފްކޯއިން މަސްދަޅު ކޭހެއް ވިއްކި 760 ރުފިޔާގެ ރޭޓުން ބަލާނަމަ، އެއީ 89.6 މިލިއަން ރުފިޔާ އެވެ.
ދިވެހި ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މަސްދަޅަކީ ރޯދަ މަހު އާންމުން ގިނައިން ބޭނުންކުރާ އަގުބޮޑު ބާވަތެއްކަން ފާހަގަކުރައްވައި ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ، ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ހަދިޔާކުރުމުގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުވެގެން ކުރިއަށް ގޮސްފައިވާ ކަމަށެވެ.
ރަސްމާލެ ރެފަރަންޑަމް މައްސަލަ ކޮމިޓީއަށް
ނަފްސާނީ ފަރުވާއާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
ހަދަމުން ދިޔަ އިމާރާތަކުން ބައެއް ވެއްޓި، ބަޔަކަށް އަނިޔާވެއްޖެ