ފެންޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އަނބުރާ މިއަދު ގެންގޮސްފި އެވެ.
ސަރުކާރުގެ ފަރާތުން ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
އެ ބިލް މަޖިލިސްއަށް ހުށަހެޅުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދައި ސަރުކާރަށް ފާޑުކިޔައިފަ އެވެ. އާންމުގެ ޝަކުވާތަކާއި ފާޑިކިޔުންތައް އިތުރުވާން ފެށުމުން ޝިޔާން ވަނީ އިސްލާހު އަނބުރާ ގެންގޮސްފަ އެވެ.
ޝިޔާން ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ހަރަދުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ބުނެ އެވެ.
އަނބުރާ ގެންގޮސްފައިވާ ބިލްގައި ބުނެފައިވަނީ ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަނަށް ނިމުން އަންނާނެ އެވެ. އަލަށް ގެންނަން ހުށަހެޅި އިސްލާހުގެ ދަށުން ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި ބަލަން ނިންމީ ރިޓަޔާކުރުމުގެ ގާނޫނާ ގުޅިގެން އެ ގާނޫނުން ނުވަތަ އެހެން ގާނޫނެއް ނުވަަތަ ގަވައިދެއްގެ ދަށުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކުން ވަޒީފާއަކުން ވަކިވުމުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހާ ޕެންޝަން އަދި އިނާޔަތްތަކެވެ.
ހަމަ އެއާއެކު 20 އަހަރު ނުވަތަ 40 އަހަރުގެ މުއްދަތަށް ހިދުމަތް ކުރުމުން މިހާރު ލިބޭ ޕެންޝަނަށް ނިމުން އަންނާނެ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް ކުރިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބެމުން ދިޔަ އެހެނިހެން ޕެންޝަން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޮށްދޭން ޖެހޭނެ އެވެ.
ބިލުގައި އިތުރަށްވާ ގޮތުންނަމަ އަސާސީ ޕެންޝަން ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެ އެވެ.
އެކަމަކު އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މީހަކު އެ މަގާމުގައި ދެމި ހުންނަ މުއްދަތަކަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށް ވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ. ހަމަ އެގޮތަށް ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުންދާ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފި ނަމަ އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެމީހަކަަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާނެ އެވެ.
މިފަދަ ރައްޔިތުންގެ ހާލަތާއި އިހްސާސް ތައް ފަހުމް ނުވާ މީހުން މަޖިލީހަށް ހޮވި މީހުން ދެންވެސް ވިސްނާ ފިކުރު ކުރަންޖެހޭ. މީ މީނާ އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ކަމެއް.