ދިއްލީ (25 އޭޕްރީލް) - އިންޑިއާއަށް ކުރިމަތިވި ކޮވިޑްގެ ދެވަނަ ރާޅާއެކު މުޅި ގައުމު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ އިއްޔެ ރޭޑިއޯ މެދުވެރިކޮށް ރައްޔިތުންނާ މަހާތަބު ކުރައްވަމުންނެވެ.

ބޮޑުވަޒީރު ވިދާޅުވީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާ މި ދަނޑިވަޅުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުން ވެސް މަސައްކަތް ކުރަމުންދަނީ އެއް މަގުސަދެއްގައި ކަމަށާއި ގައުމުގެ ހާލަތު ހަމަ މަގަށް އެޅުވުމަށް އާއްމު ރައްޔަތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ސިއްހީ އަދި އިންސާނީ ވަސީލަތްތައް މަދުވެ، ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ގައުމުގައި ކޮވިޑް ފެތުރިފައިވާ ކަމަށް ބުނަމުން، މޯދީ ވަނީ އިންޑިއާގެ ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖަހާ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ ކޭސްތައް އިތުރުވުމާއެކު ހޮސްޕިޓަލުތަކަށް ވަނީ ނުކަތާ ވަރަށް ބަލި މީހުން ގިނަ ވެފައިވާތީ ގިނަ ބަޔަކަށް އެކަށީގެންވާ ފަރުވާ ނުދެވި މަރުވާން ދޫކޮށްލަން ޖެހިފަ އެވެ.

އުތުރު އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކެއް ހިންގަމުން އަންނަ މެކްސް ހެލްތުކެއާ ކުންފުނިން އެ ކުންފުނިތަކުގެ ހޮސްޕިޓަލުތަކުގައި އޮކްސިޖަން ހުރީ ދެގަޑިއިރަށް ބޭނުންވާ ވަރަށް ކަމަށް ބުނިއިރު، ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެހެން ކުންފުންޏެއް ކަމަށްވާ ފޯޓިސް ހެލްތު ކެއާ އިން ބުނީ އެ ކުންފުނިން ހިންގާ ހާސްޕިޓަލްތަކަށް އާ ބަލިމީހުން އެނދުމަތި ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި މިހާރު ހިދުމަތް ދެމުން އަންނަނީ ބެކަޕްގައި ކަމަށެވެ.

އިންޑިއާގެ ގިނަ ހޮސްޕިޓަލުތަކެއްގައި އޮކްސިޖަން ހުސްވާން ކައިރިވެފައި ވާއިރު، ސަރުކާރުން ވަނީ ބޭނުން ޖެހިފައިވާ ހޮސްޕިޓަލްތަކަށް އިންޑިއާގެ ދުރު ހިސާބުތަކުންނާއި އެހެން ގައުމުތަކުން އޮކްސިޖަން ފޯރުކޮށްދިނުމަށް އެ ގައުމުގެ އަސްކަރިއްޔާގެ އުޅަނދުފަހަރު ބޭނުން ކުރަން ފަށައިފަ އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާގައި ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 346،786 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިއާއެކު އެގައުމުގައި ރެކޯޑް ކުރެވުނު ޖުމްލަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 16.6 މިލިއަނަށް ވުރެ މަތިވެފަ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަ 32 މިލިއަނަށް ވުރެ ގިނަ ކޭސްތައް ފެނިފައިވާ އެމެރިކާއަށް ފަހު ދެވަނަ އަށް އެންމެ ހާލަތު ގޯސް ގައުމެވެ.

ދުވާލެއްގެ މައްޗަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިން މަތި ނުވާހާ މިންވަރަށް އެ ގައުމުގައި މަތިވެ، ސަހަރާތަކަށް ބާރުބޮޑުވުމުގެ ސަބަބުން ގިނަ އާއިލާތަކަކުން ވަނީ މަރުވެފައިވާ މީހުންގެ ޖަނާޒާ ނުބޭއްވި ކިޔޫ ގައި މަޑު ކުރަން ޖެހިފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ފާއިތުވެ ދިޔަ ފެބުރުއަރީ މަހު ކޮވިޑް-19 އެ ގައުމުގައި ކޮންޓްރޯލް ވެފައިވާ ކަމަށް ބުނެ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެއާއެކު ދީނީ އެއްވުންތަކާއި ސިޔާސީ ރެލީތައް ގައުމުގެ އެކި ކަންކޮޅުތަކުގައި އާއްމުވެ، މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ނުބަލާ ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނިކުމެ ތޮއްޖެހިގެން އުޅެފަ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި އިންޑިއާގެ ހާލަތު ދެން ރަނގަޅު ކުރެވޭނީ އެ ގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް އިތުރަށް ވަރުގަދަ ކޮށްގެންނެވެ. –- ރޮއިޓާސް