މާފަންނު ރަސްފަންނު މޫދުގެ ތެރެއިން ތޫނު އިތާތަކެއް ފެނިއްޖެ އެވެ.

ގިނަ އަދަދެއްގެ މީހުން މޫދަށް އެރޭ ރަސްފަންނު މޫދުން ތޫނު އިތާތަކެއް ފެނިގެން އާންމުންގެ ސަމާލުކަމަށް ގެންނަވާފައި ވަނީ ގިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މުސްތަފާ ވަނީ އޭނާ އެ ސަރަހައްދުގައި ފީނައިގެން ނަގާފައިވާ ބައެއް އިތާތަކުގެ ފޮޓޯ ވެސް އާންމުކުރައްވައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ފޭން ކްލޭމް" އެވެ.

އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށާއި އެއީ ވަރަށް ތޫނުކޮށް ހުންނަ އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާއިރު އެއަށް އެރި ފައި ކަނޑައިގެން ހިނގައިދާނެތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށް މުސްތަފާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

https://www.facebook.com/share/p/19WeJcYbta/?mibextid=wwXIfr

އޭނާ ވަނީ އެންމެ ގިނައިން އިތާތައް އޮތް ސަރަހައްދު މެޕެއްގައި ފާހަގަކޮށްދެއްވައިފަ އެވެ. އެ ފޮޓޯގައިވާ ގޮތުން އިތާ އެންމެ ގިނައިން ޖަމާވެފައި އޮތީ ރަސްފަންނުގެ ރެސްޓޯރަންޓުގެ މޫދާ ދިމާލަށެވެ.

2024 ވަނަ އަހަރު ރަސްފަންނު މޫދުން ވިހަގަދަ ބޮއްޔެއް ކަމަށްވާ، "ކޯން ސްނެއިލް" ފެންނާތީ އެކަމަށް ސަމާލުވުމަށްވެސް ތިމާވެށި ހިމާޔަށްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއަކުން އިލްތިމާސްކޮށްފައިވެ އެވެ.