ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް، މަޝްހޫރު ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން މިއަދު ވަކިވެއްޖެ އެވެ.

"ޓޫ އޮފް އަސް" އިން ވަކިވުމާ ގުޅިގެން ޝަހީދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން ނިންމީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކަމާ މެދުގައި ވިސްނުމަށް ފަހުގައި ކަމަށެވެ.

ޝަހީދު ބުނީ އެ ބޭންޑުން ވަކިވީ އެ ނޫން އިތުރު ގޮތެއް ނެތުމުން ކަމަށާއި ދިވެހި މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގުން މުހިންމު ކަމަށް އޭނާ ދެކޭ ކަމަށެވެ.

"ޓޫ އޮފް އަސް" އިން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމުގެ ސަބަބުން، ބޭންޑުގައި ދެމިހުރުމަކީ ކުރެވޭނެ ކަމަކަށް ނުވީ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް އުންމީދީ އަދި ހެޔޮ ނިޔަތަކާ އެކު ފެށި މި ދަތުރު، ބަދަލުވެގެން ދިޔައީ ނުތަނަވަސްކަމާއި ނޭދެވޭ ކަންތައްތަކުން ފުރިގެންވާ ހިތްދަތި ތަޖުރިބާއަކަށް. މިއީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް، އަޅާނުލައި ދޫކޮށް ނުލެވޭ ކަހަލަ މައްސަލަތަކެއް ދިމާވުމުން މި ނިންމުން ނިންމަން މަޖުބޫރުވީ،" އޭނާ ބުންޏެވެ.

ބޭންޑުގެ ތެރޭގައި ފަންނީ ގޮތުންނާއި މަސައްކަތުގެ ގޮތުން ކުރިއަށް ދާން އެއްވެސް ފުރުސަތެއް ނެތް ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ. އަދި ދެ ފަރާތުން އެކަކު އަނެކަކަށް ދޭންޖެހޭ އިހުތިރާމް ކުޑަވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބޭންޑުގައި ބާކީ ތިބި މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދެން. އަހަރެން މި ކުރިއަށް ދަނީ އަމިއްލަ ނަފުސަށް އޮތް އިހުތިރާމާއި، ސާފު ސީދާ މިސްރާބަކާ އެކު، އަހަރެންގެ ފަންނުވެރިކަން ހަގީގީ ގޮތުގައި ދައްކުވައިދޭނެ މިއުޒިކީ މަސައްކަތްތަކަކާ އެކުގައި،" ޝަހީދު ބުންޏެވެ.

ޝަހީދު "ޓޫ އޮފް އަސް" އިން ވަކިވި އިރު، އެ ބޭންޑުގެ ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން ވަނީ މިދިޔަ އަހަރު މެދު ތެރޭގައި އެ ބޭންޑުން ވަކިވެފަ އެވެ.