ކުރިއަށް އޮތް 5 ދުވަހު ވެސް އުތުރާއި މާލެ ސަރަހައްދުގެ ރަށްތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މިއަދުވެސް ރާއްޖޭގެ އެކި ސަރަޙައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

އައިކިއު އެއާ އިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 111 ގަ އެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގަ އެވެ. އެއީ ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، ވައިގައި ހިރަފުސް އަށް ގުނަ އިތުރު އަދަދެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވެސް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްކޮޅު މާލޭގެ ވައި ނުސާފުވުން އެއް މިންގަނޑެއްގައި ހިފަހައްޓާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ދުރު ފެންނާނީ ތިން ކިލޯމީޓަރަށް ކަމަށް ވެސް އެެ އިދާރާއިން ބުނެ އެވެ.

މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 111ގަ އެވެ. އަދި 101 އާއި 150އާ ދެމެދު ވައިގެ ކޮލިޓީ ހުންނަ ނަމަ، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ނޭވާލާ ނިޒާމުގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް، އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެ އެވެ.

ވައިގެ ނުސާފު މިންވަރު މިހާރު ހުރީ، ސިއްހަތަށް ނުރައްކާވާ މިންވަރެއްގަ އެވެ. ހާއްސަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ. އެހެންކަމުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، އަދި ނިކުންނައިރު ވެސް އެން.95 މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފަ އެވެ.