ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރޯދަހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަށާނެ ކަމަށެވެ.
ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯ އިންނެވެ. ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ. އަދި މާލޭގައި މަސްދަޅު ކޭސް ބަހާނީ ކޮންމެ ކަރަންޓު މީޓަރަކަށް ކޭހެއްގެ އުސޫލުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ އެވެ. އެއީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހުރިހާ ގޭބިސީތަކަށްވެސް މަސްދަޅު ލިބޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން. މަސްދަޅު ކޭސް ބެހުމުގައި ގޭބިސީތަކަށް އަޅުގަނޑުމެން މިބަލަނީ މާލޭގައި ކަރަންޓު މީޓަރުތަކަށް، އަދި ރަށްރަށުގައިވެސް އަޅުގަނޑުމެން މިހާތަނަށް ވާނީ އެ ރަށެއްގެ ގޭބިސީތަކުގެ ލިސްޓު ހޯދާފައި. އަދި ރަށްރަށުގެ ކައުންސިލްތަކުގައިވެސް އެ މައުލޫމާތު ބަރާބަރަށް ހުންނާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި މަސްދަޅުކޭސް ދޫކުރާ ސަރަޙައްދުތައް:
• މިފްކޯ މަރުކަޒު
• ސޯޝަލް ސެންޓަރު
• އެމްޓީސީސީ ސޯ މިލް
• ހެންވޭރު ބޯޅަ ދަނޑު
• ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް
ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައް:
• އުމަރު ޒާހިރު ބިލްޑިން
• ޕޮލްކޯ ޓަވަރުގެ ތިރި
• މުޙައްމަދު ގާސިމް ޕްރީ ސްކޫލް
• ކާމިލް ދީދީ ސްކޫލް
• ހިޔާ ޓަވަރު 10
• ވިނަރެސް ފްލެޓް
ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުގަ އެވެ.
މާލެ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށެވެ.
ރާނީ އޭނާގެ ދަރިފުޅު ދެކެ ބިރު ގަންނަނީ މިހެންވެ!
ރިޝްވަތުގެ ފަސް ދައުވާއިން މައުމޫން ސަލާމަތްވެއްޖެ
