ފިޒާލަށް ހޭލެވުނީ ސިހިފައެވެ. ފުންމައިގެން ތެދުވެ، ގަޑިއަށް ބަލައިލެވުނެވެ. ނުވައެއް ޖަހަނީއެވެ. ހާރަށްފަހު، ފަތިސް ނަމާދުކޮށްގެން އައިސް، އޭނާ އޮތީ ނުނިދާން ހިތުނިޔަތް ގަނެގެންނެވެ. ގަޑިޖެހެންވާއިރަށް ނުހޭލެވިދާނެތީއެވެ. ނަސީބަކުން އަދި ލަހެއް ނުވެއެވެ. އޭނާ އެނދުން ފުންމާލައިގެން، އަވަސް އަވަހަށް ގޮސް، ކުޑަދޮރުގެ ފޮތިގަނޑު އެއް ފަރާތްކޮށް، ފަނަރަ ވަރަކަށް ވިއްސަކަށް ފޫޓު ދުރުގައި ހުރި ފުލެޓަށް ބަލައިލިއެވެ. އޭނާގެ ދެ ލޯ، އެ ބެލްކަންޏަކަށް އިންތިޒާރުކުރާ ބެލްކަންޏަށް ނަޒަރު ހުއްޓައިލިއެވެ. މުޅި މާޙައުލަށް ވެރިވެފައިވާ ފަޅުކަން، އެ ބެލްކަންޏަށް ވެސް ވަނީ ވެރިވެފައެވެ.
އިރުކޮޅަކު ހުރެލުމަށްފަހު، ފިޒާލް ގޮސް ވަނީ ފާޚާނާއަށެވެ. ނުވަގަޑި ބައިވާންވާއިރަށް ފެންވަރައި ތާޒާވެލުމަށެވެ. ފެންމާގަނޑު ދަށުގައި ހުރި އިރު، އޭނާގެ ސިކުނޑީގައި ފިރުމަމުން ގެންދަނީ، އެ ޚިޔާލުތަކުން އޭނާގެ ސިކުނޑިއަށް މިހާރު ދިރުން ގެނެސްދޭ ޚިޔާލުތަކެވެ. ހަ ފަރާތުގައި ވަނީ އެ ސޫރައެވެ. ފާޚާނާގެ ކޮންމެ ތަށިމުށިގަނޑެއް އޭނާއަށް ފެންނަނީ، ރަހަލާފައިވާ ބިއްލޫރިގަނޑެއްގެ ސިފައިގައެވެ. އެއިން ކޮންމެ ބިއްލޫރިގަނޑަކުން ފެންނަނީ އެ ރީތި ދޮން މޫނެވެ. ލޮލުގެ ކުޑަކޮޅުން އިއްޔެ އޭނާއާ ދިމާއަށް ބަލައިލި ބަލައިލުމެވެ. ފުރަބަންދުގެ މި ދުވަސްވަރު، “ގޭބަންދުގައި” ހުންނާން ޖެހުމުން، އަހަރުތަކަކަށްވި ދުވަސްތައް، މިއަދު އޭނާއަކަށް ދިގެއް ނޫނެވެ. އެ ފޫހި ވަގުތުތައް މުނިއަވަސްފިލުމަކަށް ބަދަލުވެއްޖެއެވެ.
ފެންވަރައިގެން ނިކުމެ، އަތްމަތި އަވަސްކޮށް ފިޒާލް ތައްޔާރުވާން ފެށިއެވެ. މި ހާލަތު މެދުވެރި ނުވާއިރު، އޭނާއަކީ ގޭގައި މަޑުވެވޭ މީހެއް ނޫނެވެ. އަބަދުވެސް އުޅެން ޖެހެނީ، ކޮންމެވެސް ކަމެއްގައި އަވަދިނެތިއެވެ. އެހެންކަމުން އެހައި ރީތި ކުއްޖަކު، މިހައި ކައިރީގައި އުޅޭއިރު ވެސް، އޭނާއަށް އޮތީ ނޭނގިފައެވެ. މި ގޮތަށް ގޭގައި މަޑުކޮށްލާން ލިބުމަކީ، ހާދަ ބޮޑު ނިޢުމަތެކޭ، މިހާރު އޭނާގެ ހިތަށް އަރައެވެ. ފަސް ދުވަހުގެ ބީރައްޓެހި ނަޒަރާއި ތުންފިއްތުމަށްފަހު، އިއްޔެ ވަނީ ތަފާތު ނަޒަރަކުން ބަލައިލައިފައެވެ. އެހެންކަމުން މިއަދާ މެދު ކުރެވޭ އުއްމީދު ވަރަށް ވެސް ފޮންޏެވެ.
ތައްޔާރުވެލައިގެން ގޮސް، ބެލްކަނީ ދޮރު ފިޒާލް ހުޅުވައިލީ އުއްމީދާއެކުގައެވެ. ފުރަތަމަ ނަޒަރު ވެސް ގޮސް ހުއްޓުނީ އެ މޫނަށެވެ. ކަޅު ބުރުގާއެއްގައި ހުރިއިރު، އެ މޫނުގެ އަލިކަން މިއަދު އަދި ވަކިން ބޮޑެވެ. އެ މޫނު ފެނުމާއެކު އޭނާގެ ހިތް ފާޑަކަށް ތެޅެލިއެވެ.
ފިޒާލަށް ހުރެވުނީ، ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި އެ ކުއްޖާގެ މޫނަށް، ކަޅިޖަހައި ނުލައި ބަލާށެވެ. އޮމާން ވަށް މޫނެކެވެ. ފިޒާލު އެންމެ ގަޔާވާ ކަހަލަ، ދިގު ނޭފަތެކެވެ. ކަޅުކަން ގަދަ ދެ ބުމައެވެ. ތުނިތުނި ދެ ތުންފަތެވެ. ބޮޑު ދެ ލޮލެވެ. އެ ދެ ލޮލުގެ ތެރެއަށް ފީނައިގަންނަން އޭނާ ހުރީ ބޭނުންވެފައެވެ. އެންމެ އަޑިއަށެވެ. އެނބުރި މައްޗަށް ނޭރޭހައި ފުނަށެވެ. އެ ވަގުތު ފިޒާލުގެ ސިކުނޑީގައި ކުރެހެމުން، ފުރާނައެޅެމުން އަންނަނީ، މުޅިން ތަފާތު މަންޒަރެކެވެ. އޭނާއަށް އޮވެވުނީ ފިނިފެންމަލުގެ ދާނެއްގައެވެ. ބޯ އޮތީ އެ ކުއްޖާގެ ހިތްފަސޭހަ އުނގުގައެވެ. މަޑުމަޑު އިނގިލިތަކަކުން، އޭނާ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ގެންދެއެވެ. މަޑު ފިޔާތޮށިކުލައިގެ ދެ ތުންފަތާ ސަމާސާކުރަމުންދާތަން ފެންނަނީ ލުއިލުއި ހިނިތުންވުމެކެވެ. ލިބެމުން ދިޔަ އުފަލެއްގެ ބޮޑުކަމުން، އޭނާގެ ހިތް ފުރި ބަންޑުންވަމުން ދެއެވެ.
މި އުފާވެރި ދާނުން ފިޒާލް ނަގައި ކޮޅަށްޖެހީ، އޭނާގެ މަންމައެވެ. އާދައިގެ މަތިން، މަންމަ އައިސް އޭނާ ހޭލެއްވުމަށް ޓަކައި ދޮރުފަތުގައި ޖަހައިލީއެވެ. ލިބުނު ސިހުމާއެކު، އަވަސްއަވަހަށް އެސްފިޔަ ޖަހައިލަމުން، ފުރަތަމަ ވެސް އޭނާއަށް ބަލައިލެވުނީ ކުރިމަތީގައި ހުރި ބެލްކަންޏަށެވެ. އެ ބެލްކަންޏެއްގައި މުޅި އުމުރު ހުސްކޮށްލަން ހިތް އެދޭ ބެލްކަންޏަށެވެ. އޭރު އެ ކުއްޖާ ހުރީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ގޮތަށް ބަލަން ހުންނަތާ ވީ، ކިހައި އިރެއްކަމެއް ވެސް ނޭނގެއެވެ. މިހައި އިރުވާންދެން އޭނާއަށް ހުރެވުނީ ކިހިނެއްކަމެއް، ކުރެވުނީ ކޮން ކަހަލަ ހަރަކާތްތަކެއް ކަމެއް ވެސް ނޭނގެއެވެ.
އަނެއްކާވެސް ދޮރުފަތުގައި މަންމަ ޖަހައިލި އަޑު އިވިއްޖެއެވެ. މި ފަހަރު ގޮވައި ވެސް ލައިފިއެވެ. މި އަގުބޮޑު ވަގުތުގެ ބައެއް މި ޖެހުނީ ގުރުބާންކުރާށެވެ. އޭނާ ހޭލައި އުޅޭކަން މަންމައަށް ނާންގަނީހެއް، ދެން ކުރެއް ނުކުރާނެއެވެ. އެހެންނަމަވެސް މި ވަގުތު، އެންމެ ސިކުންތަކަށް ވެސް ބެލްކަނި ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ތިން ވަނަ ފަހަރު މަންމަ ޖަހައިލުމުން، ކޮޓަރިއަށް ވަނުމަށް ޓަކައި އެނބުރެލެވުނެވެ. ބޭއިޚުތިޔާރުގައި އަތުގެ އިޝާރާތުން، އެ ކުއްޖާއަށް މަޑުކޮށްލައްޗޭ ވެސް ބުނެވުނެވެ.
“ކީކޭ މަންމާ! ހޭލައި މި އުޅެނީ.” ދޮރުކައިރިއަށް ހުއްޓެމުން، މަންމައަށް އިވޭވަރަށް އިޙުތިރާމާއެކު ފިޒާލު ބުންޏެވެ. އެއާއެކު އަވަސް އަވަހަށް އޭނާ ދުއްވައިގަތީ، ބްލަކަންޏާ ދިމާއަށެވެ.
ބެލްކަންޏަށް ނިކުތުމާއެކު، ފިޒާލުގެ ކަންފަތުގައި ޖެހުނީ، ނަދާއަށް ފޯނެއް އެބަ އާދެއޭ ކިޔައި، އެ ގޭތެރެއިން އަންހެނަކު ގޮވައިލި އަޑެވެ. އެއާއެކު ބެލްކަނީގައި ހުރި ފިޒާލުގެ “ރާނީ” އަވަސް އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ. އެވަގުތު އުފާވެރި ހިނިތުންވުމެއް އައިސް ފިޒާލުގެ ދެ ތުންފަތާ ކުޅެލިއެވެ. “ނަދާ” ފިޒާލަށް އެ ނަން ތަކުރާރުކޮށްލެވުނެވެ. ހަމަ އެ ސިކުންތުގައި އޭނާގެ މޫނުމަތި މިލައި މޯޅިވެއްޖެއެވެ. ފަތިހު ފިންޏަށް ފަރިވެފައިވާ މަލެއް، އިރުގެ ދިލަ ހޫނުގައި ޖެހި، މިލައި މޯޅިވި ފަދައިންނެވެ.
ނަދާ ގޮސް ސޯފާގައި އޮތް، އޭނާގެ “ސަމްސަންގ” ފޯނު ނަގައި ނަންބަރަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ މޫނުމައްޗަށް ވެރިވީ، އުފާވެރިކަމެއް ނޫނެވެ. ފޫއްސާއި ނުރުހުމާއި ކަންބޮޑުވުމާއި މި ފަދަ މަސްހުނި އެތައް އަސަރެކެވެ. ފޯނު ހިފައިގެން އޭނާ ވަނީ ކޮޓަރިއަށެވެ.
“ހަލޯ!” އެނދުމަތީގައި އިށީނދެ، ފޯނު ކަންފަތުގައި ޖައްސައިލަމުން މަޑުމަޑުން ނަދާ ބުނެލިއެވެ.
“އަދި ވެސް ތި ތަނުން އަންނާކަށް ނުވޭތަ؟” އިވުނީ ފިރިހެން އަޑެކެވެ. އެ އަޑުގައި ހުރީ ހަރުކަށި ރާގެކެވެ.
“ކުރީ ދުވަހު ވެސް ބުނީމެއްނު މާލެ އޮތީ ފުރަބަންދުކޮށްފައޭ!” ނަދާ ވާހަކަދެއްކީ މަޑުންނެވެ.
“ފުރަބަންދޭ، ބޮޑުބަންދޭ ކިޔައިފަ، މަ މި ރަށަށް އައިމަ ނާންނަން ތި ހުންނަނީ.” އެ އަޑުގައި ހުރި ޒަވިކަމަކަށް ބަދަލެއް ނައެވެ.
“ނޫން ލަތީފު! ގަބޫލުކޮށްބަލަ! އަހަރެން ވެސް ބޭނުންވަނީ ވީހައިވެސް އަވަހަށް ދާށޭ!” ލަތީފަށް ވިސްނައިދޭން ނަދާ މަސައްކަތްކުރާ ކަހަލައެވެ.
“ޑޮކްޓަރަށް ދައްކާށޭ ކިޔައިފަ މާލެ ދިޔަ ފަހުން ދެ ހަފުތާވީ. ހަނދާންކުރާތި! މަށަކަށް މިހެން ދުވަސް ގުނާކަށް ނުހުރެވޭނެ!” ލަތީފު ފޯނު ކަނޑާލައިފިއެވެ.
ނަދާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ފޯނު ކަންފަތުގައި ޖެއްސިގޮތަށް، ބާއްވަން ވެސް ނޭނގިފައެވެ. އެހެން އިންދާ އޭނާގެ ދެ ލޮލުން އޮހިގަތީ ކަރުނައެވެ. އިރުކޮޅަކުން އެނދު ހުރަހަށް ކަހަލަ ގޮތަކަށް އޮށޯވެވުނެވެ. އެއާއެކު ރޮވިއްޖެއެވެ.
ފިޒާލު އަދިވެސް ހުރީ ބެލްކަނީގައެވެ. ކުރިމަތީގައި ފަޅަށް ހުރި ބެލްކަންޏަށް ހުއްޓައިލެވުނު މާޔޫސީ ނަޒަރު، އެހެން ދިމާއަކަށް ކަސިޔާރުކޮށް ނުލެވިފައެވެ. ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި ފިނިކަން ލިބިދާނޭކަމަށް، އޭނާގެ ދެ ލޯ ކުރަމުން ދިޔަ އިންތިޒާރު، ބައިގަޑިއިރަށް ދިގުލައިފިއެވެ. ނަދާގެ ހިޔަނި ވެސް ފެނިލުމުގެ ނަސީބު ނުލިބި، ނާއުއްމީދާއެކު އެންމެ ފަހުން، ފިޒާލު އެތެރެއަށް ވަދެއްޖެއެވެ. ހޫނުވެ ދާހިއްލާން ވެސް ފެށީމައެވެ.
މެންދުރު ފަހުގެ ވަގުތެވެ. ނަމާދުކޮށް ޤުރުއާން ކިޔަވައިލުމަށްފަހު، ފިޒާލު ގޮސް ބެލްކަނީ ދޮރުގެ، ފޮތިގަނޑު އެއްފަރާތްކޮށް، ނަދާމެންގޭ ބެލްކަންޏަށް ބަލައިލިއެވެ. މި ވަގުތު އެ ބެލްކަނީގައި އޮންނާނީ ގަދަ އަވިކަން ވެސް އެނގެއެވެ. އެހެންނަމަވެސް ހިތްއެދޭ ކަމަކަށްވާތީ ބަލައިލެވުނީއެވެ. ކޮޓަރީގައި އުޅޭ ވަގުތު، ފަސް މިނެޓުން ދިހަ މިނެޓުން ކަހަލަ ގޮތަކަށް އެ ބެލްކަންޏަށް ފިޒާލަށް ބަލައިލެވެއެވެ. މިއީ އަންހެން ކުއްޖަކު ފެނިގެން މީގެ ކުރިން އޭނާއަށް ވީ ގޮތެއް ނޫނެވެ. ރީތި ކުދިން މި ނޫނަސް އޭނާއަށް ފެނެއެވެ. އެހެންނަމަވެސް އެއިން ކުއްޖަކާ ދިމާއަށް، ދެ ވަނަ ފަހަރަށް ބަލައިލުމުގެ ޝައުޤުވެރިކަމެއް ނުއުފެދެއެވެ. މި ފަހަރު މި އޮތީ އެ ކަން އަނެއްކޮޅަށް ޖެހިފައެވެ.
ބެލްކަންޏަށް ބަލައިލުމާއެކު ފިޒާލު ހުއްޓުންއެރިއެވެ. ހިއްކަން އަޅާފައި ހުރި ތިން ހެދުމުގެ ތެރެއިން، އެއް ހެދުން ފެނިފައެވެ. އެއީ ނަދާގެ ހެދުމެކެވެ. އިއްޔެ އޭނާ ލައިގެން ހުރި ހެދުމެވެ. އެ ހެދުމަށް ބަލައިލުމުން ވެސް ފިޒާލުގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާއަށް ހުރެވުނީ އެ ހެދުމާ ދިމާއަށް ކަޅިޖަހައިނުލައި ބަލާށެވެ. އިރުކޮޅަކުން ފިޒާލަށް ފެންނާން ފެށީ ނަދާ، އެ ހެދުމުގައި، އެ ބެލްކަނީގައި ހުއްޓައެވެ. ހިނިއައިސްފައި އޭނާއާ ދިމާއަށް ބަލާށެވެ. އިރުކޮޅަކު ބަލާން ހުރެފައި، ދެ އަތް ދިއްކޮށްލައިފިއެވެ. އަންނާށޭ ކިޔައި ބޮލުން އިޝާރާތްކޮށްލަމުންނެވެ. ލިބުނު އުފަލާއެކު ފިޒާލަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ. ޗެންޗޭނުގެ ދެ ދަގަނޑު ދޭތެރެއިން ބޭރަށެވެ. ފައި ތިރިއަށް ސޮއްސައިލައިފިއެވެ. ލިބުނު ކުއްލި ސިހުމާއެކު ހަމަހޭވެރިކަމަށް އާދެވިއްޖެއެވެ. ރަތްދަކަ އަވިން ފިހެމުންދާ ބެލްކަނީގައި، ދިރޭ ފުރާނައެއް ވެސް ނެތެވެ. ފަހަތުން މީހަކު ހީނގަތް އަޑު ފިޒާލަށް އިވުނީ އެ ވަގުތުއެވެ. އެނބުރި ފަހަތަށް ބަލައިލެވުނެވެ. ފެނުނީ އޭނާގެ ކޮއްކޮ ފަޒުލާއެވެ. ބެލްކަނީ ދޮރުކަނީގައި ދެ އަތް ވިދެލައިގެން ފިޒާލާދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައި ހުއްޓައެވެ. -- ނުނިމޭ